ދުނިޔެ

ދެކުނު އެފުރިކާގއި ފެތުރޭ ވައިރަސް ވެކްސިނަށް ނުގުޑަފާނެކަމުގެ ބިރު


އިނގިރޭސިވިލާތުގައި ދެމުންދާ ކޯވިޑް ވެކްސިނަށް ދެކުނު އެފުރިކާއިން ފެނުނު ކޯވިޑްގެ އައު ވައްތަރު ނުގުޑާފާނެކަމުގެ ކަންބޮޑުވުން އެ ޤައުމުގެ ސައިންސްވެރިން ޙިއްޞާކޮށްފިއެވެ.

އިނގިރޭސިވިލާތާއި ދެކުނު އެފުރިކާއިންވެސް މީގެ ކުރިން ފެތުރުނު ކޯވިޑް ވައިރަހަށްވުރެ ބާރުގަދަ އަދި ފެތުރޭ މިންވަރު ހަލުވި އައު ވައިރަހެއް ފެނިފައެވެ. މި އައު ވައިރަހުގެ ސަބަބުން މި ދެ ޤައުމުގައިވެސް ބަލި ފެތުރޭ މިންވަރު އިތުރުވެ މިދިޔަ ދެ ތިން ހަފްތާގެ ތެރޭގައި އެތައް ބަޔަކަށްވަނީ މި ބަލި ޖެހިފައެވެ. އަދި މި ވައިރަސްވަނީ ދުނިޔޭގެ އެކި ކަންކޮޅަށްް ފޯރާފައެވެ.

އިނގިރޭސިވިލާތުގެ ޞިއްޙަތާއި ބެހޭ ވަޒީރު، މެޓު ހެންކޮކުވަނީ ދެކުނު އެފުރިކާއިން ފެނުނު ވައިރަހުގެ ބާވަތާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް ފައުޅުކޮށްފައެވެ.
އިނގިރޭސިވިލާތުގެ ޕްރޮފެސަރެއްކަމަށްވާ ސައިމަން ކްލާކް ވިދާޅުވީ ދެ ޤައުމުގައި ފެތުރެމުންދާ ވައިރަހުގެ ބާވަތުގައި އެއް ސިފަތަކެއް އެބަހުރިކަމަށެވެ. ނަމަވެސް ދެކުނު އެފުރިކާއިން ފެނުނު ވައިރަހުގެ ވައްތަރަކީ އިނގިރޭސިވިލާތުން ފެނުނު ވައިރަހުގެ ވައްތަރާއި އަޅާ ބަލައިއިރު އިތުރު ބަދަލުތަކެއް އައިސްފައިވާ ވައިރަހެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސަބަބާއި ހުރެ ދެކުނު އެފުރިކާގައި ފެތުރޭ ވައިރަހާއި މެދު އުފެދިފައިވާ ކަންބޮޑުވުން އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކްލާކް ވިދާޅުވީ އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ވައިރަހުގެ އެންމެ ބޭރުގައި އޮންނަ ޕްރޮޓީން ފަށަލައަށްކަމަށާއި، އިންސާނުންނަށް ބަލި ޖެއްސުމަށް ވައިރަސް ބޭނުންކުރަނީ އެ ފަށަލަކަމަށެވެ. އެހެންކަމުން އެ ފަށަލައަށް ބަދަލު އައުމުގެ ސަބަބުން ވެކްސިން ދިނުމުން އެ ވައިރަހާއި ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު އެންމެ އެދެވޭ މިންވަރަށް މަސައްކަތް ނުކުރުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.

ވާވިކް ޔުނިވަސިޓީގެ ވައިރޮލޮޖިންޓެއްކަމަށްވާ ލައުރެންސް ޔަންގު ވިދާޅުވީ ދެކުނު އެފުރިކާގައި ފެތުރޭ ވައިރަހުގައި ވައިރަހުގެ ބޭރު ޕްރޮޓީން ފަށަލައިގައި ހިމެނޭ 'ކަށި'ތައް ނުވަތަ ސްޕައިކުތަކަށް ގިނަ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އޭގެ ސަބަބުންވެސް އެ ވައިރަސް ވެކްސިނަށް ނުގުޑުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭނާވެސް ވިދާޅުވިއެވެ.

ވެކްސިން އުފައްދާފައިވާ ބަޔޯއެންޓެކު ކުންފުނީގެ ސީއީއޯ އުގުރް ސާހިން އަދި އޮކްސްފޯޑު ޔުނިވަސިޓީގެ ޖޯން ބެލް ހިމެނޭ ގޮތަށް ބައެއް ސައިންސްވެރިންވަނީ ވައިރަހުގެ އައު ވައްތަރުތަކާއި ދެކޮޅަށް ވެކްސިން މަސައްކަތްކުރާ މިންވަރު ތަހުލީލުކުރަމުންދާކަމަށް ބުނެފައެވެ. އަދި ވެކްސިނަށް ބަދަލެއް ގެންނަން ޖެހިއްޖެ ޙާލަތެއްގައި ހަ ހަފުތާގެ ތެރޭގައި އެ ބަދަލު ގެނެވޭނެކަމަށް ސައިންސްވެރިން ބުނެއެވެ.

އޮކްސްފޯޑު ޔުނިވަސިޓީގެ ޖޯން ބެލް ވިދާޅުވީ އިނގިރޭސިވިލާތުގައި ފެތުރޭ ވައިރަހުގެ ބާވަތް ވެކްސިނަށް ގުޑާނެކަމާއި މެދު ޔަޤީންކަން އޮތްކަމަށެވެ. ނަމަވެސް ދެކުނު އެފުރިކާގައި ފެތުރޭ ބާވަތާއި ދެކޮޅަށް ވެކްސިނުން އެދެވޭ ނަތީޖާއެއް ނެރެވޭނެކަމާއިމެދު ސުވާލު އުފެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.