ދުނިޔެ

އިނގިރޭސިވިލާތް އަނެއްކާވެސް ފުރަބަންދަށް


އިނގިރޭސިވިލާތް އަލުން ފުރަބަންދުކުރުމަށް އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ނިންމަވައިފިއެވެ. ބޮޑުވަޒީރު ޖޮންސަން ވިދާޅުވީ ކޯވިޑް ޖައްސާ ވައިރަހުގެ އައު އަދި ވާރުތަވުމުގެ ބާރު އިތުރަށް ގަދަ ވައިރަހެއް އެ ޤައުމުގައި ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާކަމަށެވެ. އަދި ބަލި ފެތުރޭ މިންވަރު ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޓީވީ މެދުވެރިކޮށް ޤައުމާއި މުހާތަބުކުރައްވާ ވާހަކަދައްކަވަމުން ޖޮންސަން ވިދާޅުވީ މި ވަގުތަކީ ކޯވިޑް ފެތުރެން ފެށީންސުރެ އިނގިރޭސިވިލާތުގެ ހަސްފަތާލުތަކަށް އެންމެ ބޮޑަށް ބާރުބޮޑުވެފައިވާ ދަނޑިވަޅުކަމަށެވެ. ޤައުމުގެ ގިނަ ސަރަޙައްދުތަކުގައި މިހާރުވެސް ހަރުކަށި ފިޔަވަޅުތައް އަޅާފައިވީނަމަވެސް ވައިރަހުގެ އައު ވައްތަރު ފެތުރުން ކޮންޓްރޯލުކުރުމަށް އިތުރު މަސައްކަތްތައް ކުރަންޖެހޭކަން ވަރަށް ސާފުކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މުޅި ޤައުމު ފުރަބަންދުކުރުމަށް ނިންމާފައިވާކަމަށާއި ހުރިހާ ރައްޔިތުންވެސް ގޭގައި މަޑުކުރުމަށް ސަރުކާރުން އިރުޝާދުދޭކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. ޖޮންސަން ވިދާޅުވީ އަލަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ހުރިހާ މަދަރުސާތައްވެސް ބަންދުވާނެކަމަށާއި، ޒަރޫރީ ބޭނުންތަކަށާއި ކަސްރަތަށް ނޫންގޮތަށް އާންމުން ބޭރު ތެރެއަށް ނުކުމެ އުޅުން މަނާވާނެކަމަށެވެ.

މިހާރު ރާވާފައިވާ ތާވަލާއި އެއްގޮތަށް ވައިރަހާއި ދެކޮޅަށް ވެކްސިން ދިނުމުގެ ޙަރަކާތްތައް ކުރިއަށްދާނަމަ، އަދި ފުރަބަންދުގެ ސަބަބުން ބަލިޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ ޢަދަދު ދަށްވާނަމަ ފެބްރުއަރީ މަހުގެ މެދުތެރޭގައި ފުރަބަންދު އުވާލުމުގެ މަސައްކަތް ފަށާނެކަމަށްވެސް ޖޮންސަން ވިދާޅުވިއެވެ.

ދުނިޔޭގައި ހަވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީ އިނގިރޭސިވިލާތެވެ. އެ ޤައުމުގައި މިހާތަނަށް 2.7 މިލިއަން މީހުންނަށް ބަލިޖެހިފައިވާއިރު 75،431 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 58،784 މީހުންނަށް ބަލިޖެހި 407 މީހުންވަނީ މަރުވެފައެވެ.