ދުނިޔެ

އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް ހަރުކަށި ކުރަނީ


ކޯވިޑާއި ދެކޮޅަށް އިނގިރޭސިވިލާތުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަކީ އެކަށީގެންވާކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ.

މިދުވަސްވަރު އިނގިރޭސިވިލާތުގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދުވަނީ ރެކޯޑު ޢަދަދަކަށް އިތުރުވެފައެވެ. ބަލިޖެހޭ މީހުންގެ ޢަދަދު އާދަޔާ ޚިލާފަށް އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ވާރުތަވުމުގެ ބާރުގަދަ، ބަދަލު އައިސްފައިވާ ކޯވިޑް ވައިރަހެއް އައު ވައްތަރެއް އެ ޤައުމުގައި ފެތުރެމުންދިޔުމެވެ. އެ ވައިރަސް އެންމެ ބޮޑަށް ފެތުރޭ ލަންޑަން ސަރަޙައްދުގެ މަދަރުސާތައް ހުޅުވުން ފަސްކުރުމަށް އެ ޤައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގެ ގިނަ ސަރަޙައްދުތައް މިވަގުތު އެ ޤައުމުގައި އިއުލާންކޮށްފައިވާ އެލާޓްގެ އެންމެ މަތީ ދަރަޖައިގައެވެ. މި ފިޔަވަޅުތަކުން ކާމިޔާބު ފެނޭތޯ ނޫސްވެރިޔަކު އުފެއްދި ސުވާލަކަށް ޖަވާބުދެއްވަމުން ބޮޑުވަޒީރު ޖޮންސަން ވިދާޅުވީ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ޖެހުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އަދިވެސް އެޅިދާނެ ފިޔަވަޅުތައް އެބަހުރިކަމަށާއި އެހެންނަމަވެސް އެ ފިޔަވަޅުތަކާއި ގުޅޭގޮތުން އަދި ވާހަކަދައްކަވަން ބޭނުންފުޅު ނުވާކަމަށް ބޮރިސް ވިދާޅުވިއެވެ.

ޖޮންސަންވަނީ މަދަރުސާތައް ހުޅުވުމުގެ ޙުއްދަދީފައިވާ ސަރަޙައްދުތަކުގައި ހުރި މަދަރުސާތަކުގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުން މަދަރުސާއަށް ފޮނުވުމަށް ބެލެނިވެރިންނަށް ބާރުއަޅުއްވާފައެވެ. ބޮޑުވަޒީރު ވިދާޅުވީ މަދަރުސާތަކުގެ ރައްކާތެރިކަމާއިމެދު އެއްވެސް ޝައްކެއް ނެތްކަމަށާއި ތަޢުލީމަށް އިސްކަން ދޭންޖެހޭކަމަށެވެ. ޖޮންސަން އެގޮތަށް ވިދާޅުވި ނަމަވެސް ބައެއް ޔޫނިއަންތަކާއި ސިޓީތަކުންދަނީ މަދަރުސާތައް ނުހުޅުވުމަށް ގޮވާލައި، ސަރުކާރުގެ އިރުޝާދާއި ދެކޮޅަށް ޢަމަލުކުރާނެކަމުގެ އިންޒާރު ދީފައެވެ.

އިދިކޮޅު ސިޔާސީ ލީޑަރު، ކެއާ ސްޓޯމާވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މުޅި އިނގިރޭސިވިލާތް ހިމެނޭގޮތަށް އެ ޤައުމުގައި ފުރަބަންދެއް ޤާއިމުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އުނދަގޫ ނިންމުންތައް ނިންމަންޖެހޭ ޙާލަތުގައި ގޮތެއް ނިންމުމުގައި ލަސްކުރުމުގެ ސަބަބުން ލިބޭ ގެއްލުން މާ ބޮޑުވާނެކަން ތަޖުރިބާއިން ދަސްވެފައިވާކަމަށެވެ. އިނގިރޭސިވިލާތުގައި ކޯވިޑް ފެތުރުން ހުއްޓުވުމަށް އެ ޤައުމުގެ ސަރުކާރުން ފިޔަވަޅު އެޅުން ލަސްކޮށްފައިވާކަމުގެ ތުހުމަތު ސަރުކާރަށްވަނީ އަމާޒުވެފައެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 2.65 މިލިއަން މީހުންނަށް ކޯވިޑް ޖެހި 75،024 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 54،990 މީހުންނަށް ބަލިޖެހި 454 މީހުންވަނީ މަރުވެފައެވެ.