ރިޕޯޓް

"މަސްތުވާތަކެތީގެ ވަބާ ނައްތާލެވޭނީ މުޖުތަމަޢުގެ ބައިވެރިވުމާއެކު، ވަށައިޖެހޭ އުޞޫލަކުން"


މަސްތުވާތަކެތީގެ ވަބާ ނައްތާލެވޭނީ ވަށައިޖެހޭ އުޞޫލެއްގެ ތެރެއިން އާއްމު ރައްޔިތުންނާއި މުޖުތަމަޢުގެ ބައިވެރިވުމާއެކުކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓަރ މިހެން ވިދާޅުވީ، ގއ.ވިލިނގިލީގައި "ދަގެނާ" އައުޓްޕޭޝަންޓް ކޮމިއުނިޓީ ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސަރވިސަސް ސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މިއީ ކޮމިއުނިޓީ ރިހެބިލިޓޭޝަނަށް ޚާއްސަކޮށްގެން އަތޮޅުތަކުގައި ހުޅުވި މިފަދަ ފުރަތަމަ ސެންޓަރެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ ވަރަށް ހެޔޮ ނިޢަތެއްގައި ފަށާ މަސައްކަތެއްކަމަށާއި، ނަމަވެސް މިކަން ކާމިޔާބުކުރެވެން އޮތީ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ލިބިގެންކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ކުދިން އަލުން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށްޓަކާ އެ ފަރާތްތަކަށް ޞިއްޙީގޮތުންނާއި، އިޖްތިމާޢީ އަދި ނަފްޞާނީގޮތުން ބޭނުންވާ އެހީތެރިކަން ވިލިނގިލީގައި އަލަށް ހުޅުވި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުން ފޯރުކޮށްދޭނެކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ. މިތަނުގައި ފަރުވާގެކަންކަން ކުރިއަށްދާނީ ތަފާތު 3 ކެޓެގަރީއަކަށް ބަހާލައިގެންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިތަނަށަށް އަންނަ ކޮންމެ މީހެއްގެވެސް އެސެސްމެންޓެއް ހެދޭނެ. އޭގެން ފާހަގަކުރާނެ އެއީ ހައި ރިސްކް، މީޑިއަމް ރިސްކް ނުވަތަ ލޯ ރިސްކު މީހެއްތޯ. އެއައަށްފަހު ފަރުވާގެން ކަންކަން ކުރިއަށްދާނީ. ހައި ރިސްކުވިއްޔާ ޑްރަގް ކޯޓު މެދުވެރިގެން ނުވަތަ އަމިއްލައަށް ވޮލެންޓިއަރކޮށްގެން ފަރުވާގެ ކަންކަން ކުރިއަށްދާނެ. މީޑިއަމް ރިސްކުވިއްޔާ ހޮސްޕިޓަލައިޒްކޮށްގެން ފަރުވާގެ ކަންކަން ކުރިއަށްދާނެ. އަދި ލޯ ރިސްކްވިއްޔާ އެމީހުންނާއި ގުޅިގެން ކޮށްލާ ކުޑަކުޑަ އެހެންނަމަވެސް ބުރަ މަސައްކަތަކުން އެމީހުން ރަނގަޅުކުރެވިދާނެ" ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ވިލިނގިލި ކައުންސިލް އަދި ނޭޝަނަލް ޑްރަގް އޭޖެންސީ، އެން.ޑީ.އޭ ގުޅިގެން ހުވަދުއަތޮޅަށް އަމާޒުކޮށް ވިލިނގިލީގައި ފެށި މިޚިދުމަތަކީ، ވިލިނގިލީގައި ޤާއިމުވެފައިހުރި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި މުޅި މުޖުތަމަޢުގެ އެންމެން ގުޅިގެން އެހީތެރިވެދޭ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ކޮމިއުނިޓީ ފަރުވާގެ ޚިދުމަތްދޭން ފެށި މިފަދަ ފުރަތަމަ ކޮމިއުނިޓީ ފަރުވާގެ ނިޒާމެވެ.

މި ނިޒާމު ބައްޓަންކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ފަރުވާ ނިންމައި މުޖުތަމަޢުއަށް ނުކުންނަ ހިސާބުން އޭނާ ދޫކޮށްނުލައި، އެހީތެރިވެދިނުމުގެގޮތުން މުޅި މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭގޮތަށް ޤާއިމުކުރެވޭ ސަޕޯޓު ސިސްޓަމެއްގެ ތެރެއިންކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. "ދަގެނާ"ގައި ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރޭގައި ޑްރަގް ޑީޓޮކްސިފިކޭޝަން، ކައުންސިލިންގ، ސައިކޯ-ސޯޝަލް ސަޕޯޓު، ޓްރޭނިންގ، އާފްޓަރކެއަރ އަދި އައުޓްރީޗް ޕްރޮގްރާމްތައް ހިމެނެއެވެ.