ވިޔަފާރި

މިހާތަނަށް 14501 މީހަަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފި


ކޯވިޑްއާ ގުޅިގެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް މިހާތަނަށް 14 ހާހަށްވުރެ ގިނަ މީހުންނަށް ދޫކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 180 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 14501 ފަރާތަކަށް ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއި ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކަށް ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާ 65 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހެއެވެ.

އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރަށެވެ.