ޚަބަރު

ޤައުމު އަނބުރާ ކޮޅަށް ޖެހުމުގައި ރާއްޖެއިން މިސާލު ދައްކައިފި: އެޗްއީއޯސީ


ކޯވިޑް-19އާއެކު ޤައުމު އަނބުރާ ކޮޅަށް ޖެހުމުގައި ރާއްޖެއިން ދުނިޔެއަށް މިސާލު ދައްކައިފި ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާ އޮތް މިންވަރު ބެލުމަށް މިހާރު ދަނީ ރިސްކް އެސެސްމަންޓެއް ހެދުމަށްވެސް ތައްޔާރުވަމުންނެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވަނީ ރާއްޖޭގެ ވިސްނުމަކީ ކުއްލިއަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ވިސްނައިގެން ފިޔަވަޅުއެޅުން ކަމަށް ވިދާޅުވެފައެވެ. މި އަމާޒުގެ ދަށުން އެޅި ފިޔަވަޅުތަކުން ރާއްޖެއަށް ކޯވިޑްގެ ސަބަބުން ކުރިން ކުރާނެކަމަށް ބެލެވުނު އަސަރު އެތައް ގުނައަކަށް ކުޑަކޮށް ކާމިޔާބީތަކެއް ޙާސިލުވެފައިވާކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވަނީ ފުރަބަންދަށް ޖުލައި 15ގައި ލުއިތައް ދީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުންވެސް ޤައުމުގައި ބަލީގެ ޙާލަތު ކޮންޓްރޯލްކޮށްފައި ބޭއްވުމަކީ ދުނިޔެއަށް މިސާލެއް ކަމުގައި ވިދާޅުވެފައެވެ. ލުއިތައް ދިނުމުންވެސް ސަރުކާރުން އެކުލަވާލި ގައިޑްލައިންތަކަށް ބޯލެނބުމުގައި ރައްޔިތުންނާއި ވިޔަފާރިވެރިން ދެއްކި ލާމަސީލު މިސާލުގެ ނަތީޖާއަކީ ޤައުމު އަނބުރާ ކޮޅަށް ޖެހުމުގައި ރާއްޖެ ކާމިޔާބީއާއި ހަމައަށް ވާސިލްވާތަން ފެނުންކަމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވަނީ ކޯވިޑުން ރައްކާތެރިވުމުގެ ގޮތުން ހަތަރު މަހަށް ޤައުމު އެއްކޮށް ބަންދުކޮށްފައި ބޭއްވުމަށްފަހު މިދިޔަ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި، މީގެ ދެ މަހެއް ވަރު ކުރިން ގެސްޓް ހައުސްތައް ހުޅުވިއަސް އެންމެ ރިސޯޓެއް ފިޔަވައި އެހެން ތަނެއްގައި އައުޓްބްރޭކެއް ނެތުމަކީ މިކަމުގެ ހެތްކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"ރާއްޖެއިން މިވަނީ ރާއްޖެއަށް ވުރެ ބޮޑެތި ރިސޯސްތަކަށް ބެލިޔަސް އާބާދީއަށް އަދި އިޤްތިޞާދީގޮތުން ބެލިޔަސް.. މިސާލު ދައްކާފައި. ލުއިތައް ދިނުމުންވެސް ސަރުކާރުން އެކުލަވާލި ގައިޑްލައިންތަކަށް ބޯލެނބުމުގައި އަމަލުކުރުމުން މި ނަތީޖާ މި ލިބުނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ވަނީ ކޯވިޑްގެ ނުރައްކާ އަދިވެސް ނެތިގެން ނުދާކަން ފާހަގަކޮށް މިއަދުވެސް އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތައް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގައި ކޯވިޑްގެ ނުރައްކާ އޮތް މިންވަރު ބެލުމަށް މިހާރު ދަނީ ރިސްކް އެސެސްމަންޓެއް ހެދުމަށް ތައްޔާރުވަމުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

""ކުއްލިއަކަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ވަރަށް ބޮޑަށް ބަލާނަން. މީގެ ރިސްކް އެސެސްމެންޓް ހަދާ ދެންހުރި ޓެކްނިކަލް ކަންކަމަށްވެސް ބަލާ މަޝްވަރާކުރަމުން މިދަނީ. އެހެން ބައެއް ޤައުމުތަކުން ވަގުތުން ބޯޑަރު ބަންދުކުރިޔަސް ރާއްޖެ އުފެދިފައިވާ ގޮތާއި ގައިޑްލައިންތަކާއި ހުރިހާކަމަކަށް ބަލާ ހާލަތު ދެނެގަންނާނަން. މީގެ ކުރިންވެސް ބޯޑަރު ބަންދުކުރި ނޫންތޯ. ހާލަތު ދިމާވެއްޖިއްޔާ އަދިވެސް ކުރާނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާ އޮތް މިންވަރު ބެލުމަށް ރިސްކް އެސެސްމަންޓެއް ހެދުމަށް ތައްޔާރުވަމުންދާއިރު، ރާއްޖެއިން ކޯވިޑް-19ގެ އިތުރު ވޭރިއެންޓެއް ނުވަތަ ބާވަތެއް މިހާތަނަށް ފެނިފައިނުވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ.