ކޯވިޑް-19

ކޯވިޑް-19 : ބަލިން ރަނގަޅުވީ މީހުންގެ ޢަދަދު 13000އިން މައްޗަށް


ރާއްޖެއިން މިއަދު 21 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 28 މީހުން ބަލިން ރަނގަޅުވެއްޖެެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެތެރެއިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 13،011 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން ފެށިގެން މިއަދު 18:00އާ ހަމައަށް މާލެ ސަރަހައްދުން ޕޮޒިޓިވްވީ 12 މީހުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 4 މީހުންނާއި، ރިޒޯޓުތަކުން 5 މީހުން ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13،558 އަށް އަރާފައެވެ.

މިއަދު ރާއްޖެއިން ކޯވިޑް-19އިން ރަނގަޅުވީ 28 މީހުންނެވެ. މިހާރު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 492އެވެ. މިބަލީގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާދެމުންގެން ދަނީ 37 މީހަކަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2،562 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ނެގި ސާމްޕަލްތަކުގެ އަދަދުވަނީ 299،468އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.