ޚަބަރު

ހިޖުރީ އާ އަހަރުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި


ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި،
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް
ތަހުނިޔާ ފޮނުއްވައިފިއެވެ.



ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި،
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވި ތަހުނިޔާގެ ޚިޠާބު ގައި، ހިޖުރީ އާ އަހަރެއް ފެށުމުގެ މި އުފާވެރި މުނާސަބަތުގައި،
ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު
ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކޮށްފައިވެއެވެ.



އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި،
ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް އެމަނިކުފާނު
ވަނީ މި މުނާސަބަތުގެ ތަހުނިޔާ ދަންނަވާފައެެވެ.



ރައީސްގެ ހިތާބުގައި މާތްﷲ މި އުންމަތަށް
ފޮނުއްވި މާތް ނަބިއްޔާ مُحَمَّـدصـلّى الله علـيـه وسـلّم މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި
ހިޖުރައިގެ ހާދިސާއާ ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައިވާއިރު، ހިޖުރައިގެ ހާދިސާއަކީ، އިސްލާމީ
ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ ހާދިސާއެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި ހަމައެހެންމެ
އެ ހާދިސާއަކީ، އިސްލާމީ އުންމަތުގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ
ވަރުގަދަ ގުޅުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ޢިބްރަތްތެރި ހާދިސާއެއްކަން
ހަނދާންކުރަންޖެހޭކަމަށްވެސް ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ. ހަމައެއާއެކު،
އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމަށް،
މާތްވެގެންވާ އިސްލާމްދީން ބާރުއަޅާފައިވާ މިންވަރު، އަޅުގަނޑުމެންގެ ހިތްތަކަށް
ގެނެސް، އެކަމުން އަޅުގަނޑުމެން ޢިބްރަތް ޙާޞިލުކުރަންޖެހޭކަމަށްވެސް ރައީސްގެ
ހިތާބުގައިވެއެވެ.



ހިޖުރީ އާ އަހަރަކާ އަޅުގަނޑުމެން
ބައްދަލުކުރާއިރު، ފާއިތުވެދިޔަ އަހަރުގެ ކަންތައްތަކާމެދު ފުންކޮށް ވިސްނައި، އާ
ޢަޒުމްތަކެއް ކަނޑައެޅުމަށް މިއީ ލިބޭ ވަރަށް ރަނގަޅު ފުރްޞަތެއްކަމަށާއި،
އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައިވާ އެއްބަނޑުއެއްބަފާކަމާއި އުޚުއްވަތްތެރިކަމުގެ
ގުޅުން މިހާރަށްވުރެ ބަދަހިކޮށް، އެއްބަޔެއްގެ ގޮތުގައި އާ ރޫޙަކާއެކު މަސައްކަތް
ކުރުމުގެ ޢަޒުމް ކަނޑައެޅުއްވުމަށް، މި ފުރްޞަތުގައި ރާއްޖޭގެ ލޮބުވެތި
ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. 



އަދި ރާއްޖެ، ތަރައްޤީގެ މަގުގައި އާ
އުސްމިންތަކަކަށް ގެންދިޔުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް ރައްޔިތުން
ފުރިހަމައަށް އެއްބާރުލުން ދެއްވުމަށާއި، އެކި މަޝްރޫޢުތައް އަވަހަށް
ނިންމުމުގައި، ރައްޔިތުން އެއް ރޫޙަކާއެކު މަސައްކަތް ކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާވަނީ
ގޮވާލައްވާފައެވެ.