ޚަބަރު

ކޯވިޑް-19 : ބޮޑެތި ޤައުމުތަކުން ފުރަބަންދަށް، ރާއްޖެއިން ލުއިތަކެއް


ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އަޅާބަލާއިރު ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި ރާއްޖެއިން ހޯދަމުން އަންނަނީ ފާހަގަކުރެވޭފަދަ ކާމިޔާބީއެކެވެ. މިކަން ޑަބްލިއުއެޗްއޯއާއި ދުނިޔޭގެ އެހެން ޤައުމުތަކުންވެސް އަންނަނީ ފާހަގަކުރަމުންނެވެ. ރާއްޖެއަށް މިކަން ހާސިލްކުރެވުނީ މިކަމުގައި ރާއްޖެއިން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ރާއްޖެއިން ކޯވިޑް-19އިގެ ފުރަތަމަ ކޭސް މާޗްމަހު ފެނުމާއެކު ރާއްޖެއިން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ބަލި ފެތުރޭ މިންވަރު އޭރުވެސް ގިނަދުވަސްތަކެއްވަންދެން އެއްހަމައެއްގައި ހިފެހެއްޓުނެވެ. އެގޮތުގައި އޮތުމަށްފަހު ލުއިތައް ދޭން ފެށުމާއެކު ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވެގެންދިޔައީ ބިދޭސީ ކްލަސްޓަރ އަކުންނެވެ. އަދި ދިވެހިންގެ ތެރެއިން މިބަލި ފެތުރިގެންދިޔައީ ކަމާ ގުޅުންހުރި އިދާރާތަކުން މިކަމުގައި ދެމުން އައި އިރުޝާދުތަކާ ޚިލާފަށް އެންގުމަކާ ނުލާ ދަތުރު ދިޔުމާއި ގޭގައި ގިނަ މީހުން އެއްވެ ބޭއްވި ޕާޓީތަކުންކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ރާއްޖެއިންވެސް ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ބޭރުގައި އުޅޭ ގަޑިތައް ކުޑަކޮށް އެޅި ފިޔަވަޅުތަކާއެކު ބަލި ކޮންޓްރޯލްވެގެން އައިތަން ފެނިގެންދިޔައެވެ.

އެގޮތުގައި ހިފެހެއްޓިފައި އޮތުމަށްފަހު އޮގަސްޓްމަހު ރާއްޖޭގައި ކުއްލިއަކަށް މިބަލި އިތުރުވާންފެށިއެވެ. އެއްމަހުގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވީވެސް އޯގަސްޓްމަހުއެވެ. އެގޮތުން އެމަހު ރާއްޖެއިން 4011 (ހަތަރުހާސް އެގާރަ) މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރޭގަނޑު ބޭރަށް ނިކުތުން މަނާކޮށް އަނެއްކާވެސް ފިޔަވަޅު ވަރުގަދަ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އޮގަސްޓްމަހަށްވުރެ ސެޕްޓެމްބަރުމަހު ބޮޑުތަނުންވެސް ދަށްވެގެންދިޔައެވެ. އެގޮތުން ސެޕްޓެމްބަރު މަހު ޕޮޒިޓިވްވީ ދެހާސް ހަތަރުސަތޭކަ އަށްޑިހަ ހަތް މީހުންނެވެ. އޭގެފަހުން އަނެއްކާވެސް ރާއްޖއިން މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް އައީ ދަށްވަމުންނެވެ.

އެގޮތުން އޮކްޓޯބަރުމަހު އެއްހާސް ތިންސަތޭކަ ފަސްދޮޅަސް އަށް މީހަކު ޕޮޒިޓިވްވީއިރު ނޮވެމްބަރުމަހު ޕޮޒިޓިވްވީ އެއްހާސް ތިންސަތޭކަ ފަންސާސް ދެ މީހެކެވެ. ރާއްޖޭގައި ކޭސްތައް ޕޮޒިޓިވްވާ މިންވަރު 5 ޕަސެންޓަށްވުރެ ދަށުގައި ހުރުމާއެކު ނޮވެމްބަރު މަހުވަނީ ރޭގަނޑު ބޭރުގައި އުޅެވޭ ވަގުތުތައް އިތުރުކޮށް ލުއިދީފައެވެ. ޑިސެމްބަރު މަހުގެ ފުރަތަމަ 19 ދުވަހު ޕޮޒިޓިވްވީ މީހުންގެ ޢަދަދު ނޮވެމްބަރު މަހުގެ ފުރަތަމަ 19 ދުވަހު ޕޮޒިޓިވްވީ މީހުންގެ ޢަދަދަށްވުރެ ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން ނޮވެމްބަރ މަހުގެ ފުރަތަމަ 19 ދުވަހު ހަތްސަތޭކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު ޑިސެމްބަރު މަހުގެ އެމުއްދަތުގައި ޕޮޒިޓިވްވީ ހަތަރުސަތޭކަ ފަސްދޮޅަށް ތިން މީހުންނެވެ.

ރާއްޖޭގެ ކޭސްތައް އިތުރު ނުވެ އެއްހަމައެއްގައި ހިފެހެއްޓިފައިވާތަން މިހާރު ފެންނަމުންދާއިރު ބޭރުގެ ބޮޑެތި ޤައުމުތަކުގައި އަދިވެސް ބަލީގެ ކޭސްތައް އިތުރުވެ މިލިއަނުން މީހުން މަރުވަމުން އަންނާތީ ބައްޔާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އަންނަނީ އަލުން ވަރުގަދަ ކުރަމުންނެވެ. އެގޮތުން އިގިރޭސިވިލާތާއި ޖަރުމަނާއި ރަޝިއާއާއި އެމެރިކާފަދަ ޤައުމުތައް ފާހަގަކޮށްލެވެއެވެ. މިފަދަ ދަނޑިވަޅެއްގައި ދިވެހިރާއްޖެފަދަ ކުޑަކުޑަ ޤައުމު މިކަމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދެމުން އަންނައިރު ބަލިން އެއްކޮށް އަރައިގަނެވޭނީ ރައްކާތެރިކަމަށް ފަރުދީގޮތުން ކުރިއަށްވުރެ ބޮޑު އިސްކަމެއް ދީގެންކަމީ އަދިވެސް ޤަބޫލުކުރަންޖެހޭ ޙަޤީގަތެކެވެ. ކޮންމެ މީހެއްގެވެސް އުއްމީދަކީ ދިރިއުޅުން ޢާއްމު ޙާލަތަށް ރުޖޫޢުވުމެވެ. އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވެކްސިން ލިބޭނެކަމަށް ބެލެވޭއިރު އެހިސާބަށް އިތުރު ނުރައްކަލެއް ނެތި ފިޔަވަޅަށް ދިން ލުއިތަކާއެކު ދެވޭނީ ޢާއްމުންގެ އެއްބާރުލުންވެސް ލިބިގެންނެވެ.