ތަރައްްޤީ

ދިވެހި ފަޅުވެރިންނާއެކު މަހާޖައްރާފުގެ މަސައްކަތް ހަލުވިވެއްޖެ


އެމް.ޓީ.ސީ.ސީގެ ބިން ހިއްކާ އެންމެ ބޮޑު ޑްރެޖަރ، މަހާ ޖައްރާފުގައި މަސައްކަތް ކުރާ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރިފަހުން މަސައްކަތް އެތައްގުނައެއް ހަލުވިވެފައިވާކަމަށް އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އޭޝިއާ ސަރަޙައްދުގައި އޮތް އެންމެ ބޮޑު ޑްރެޖަރ އުޅަނދުކަމަށްވާ "މަހާ ޖައްރާފު"ގައި މަސައްކަތް ކުރުމަށް 17 ދިވެހިން ތަމްރީންކޮށް، އެއުޅަނދުގެ ފަޅުވެރިންނަށް ހުސް ދިވެހިން ހަމަޖައްސާފައިވަނީ މިއަހަރުގެ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހުއެވެ.

އެމް.ޓީ.ސީ.ސީއަށް 40 އަހަރުފުރުމާ ގުޅިގެން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، އެމް.ޓީ.ސީ.ސީގެ މުވައްޒަފުންނަކީ މަސައްކަތަށް ކުޅަދާނަ ޤާބިލުބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގައި މިއަހަރަކީ ބޮޑެތި ކުރިއެރުންތަކެއް ހޯދުނު އަހަރެއްކަމަށެވެ. އެގޮތުން ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައިވެސް އެކުންފުނީގެ އެއްވެސް މަޝްރޫޢެއް ހުއްޓުމަކަށްނައިސް ކުރިއަށްގެންދެވުނީ އެކުންފުނީގެ ޓީމުގެ ހީވާގިކަމާއި މަސައްކަތްތެރިކަމުންކަމަށް އާޒިމް ވިދާޅުވިއެވެ.

ދިވެހިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް އެމް.ޓީ.ސީ.ސީން ކުރާ މަސައްކަތްތަކާގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އެކުންފުނީގެ އެންމެ ބޮޑު އުޅަނދުކަމަށްވާ މަހާ ޖައްރާފުގެ ފަޅުވެރިންނަށް ހުސް ދިވެހިން ހަމަޖެއްސުމަށް ނިންމި ނިންމުމަކީ ޚަރަދުގެގޮތުން ބެލިޔަސް މިލިއަނެއްހާ ޑޮލަރު ސަލާމަތްކުރެވި، ހިންގުމުގެގޮތުންވެސް އެކުންފުންޏަށް ބޮޑު ފައިދާއެއް ލިބިގެންދިޔަ ނިންމުމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން މަހާ ޖައްރާފުގެ މަސައްކަތް އެތައް ގުނައެއް ހަލުވިވެގެންގޮސްފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"މިއަދު އެމް.ޓީ.ސީ.ސީން މީގެކުރިން ދުވަހަކުވެސް އޭގެން ބިން ނުހިއްކޭވަރަށް ދިވެހި ކްރޫއިން ބިން ހިއްކަމުން އެބަދޭ. އަޅުގަނޑު ހަމަ އުފަލާއެކު އެކަން ފާހަގަކުރަން. އަދި ޝުކުރު ދަންނަވަން އޭގެ ކެޕްޓަނާއި ހުރިހާ ފަޅުވެރިންނަށް. އެބޭފުޅުން އޭތި ބަލަހައްޓާ، އޭގެ އެފިޝެންސީ އިތުރުކުރުމަށް އެކުރާ މަސައްކަތް އަޅުގަނޑުމެން ފާހަގަކުރަން. ބައެއް ބޭފުޅުން އަޅުގަނޑަށް ލަފާވެސް މީގެކުރިން ދިން ދިވެހިން ލައިގެނެއް އޭތި ނުހިންގޭނެކަމަށް. ނަމަވެސް މިއަދު މަންޒަަރު ތަފާތު" އާޒިމް ވިދާޅުވިއެވެ.

އެޗް.ސީގެ އީޒީ ޑްރެޖް ހޮޕަރ ސަކްޝަން ޑްރެޖަރ "މަހާ ޖައްރާފު"، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ރާއްޖެގެނެސްފައިވަނީ 25 އޮކްޓޯބަރ 2017 ގައެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގައި އެމް.ޓީ.ސީ.ސީން ދަނީ މަހާ ޖައްރާފު ބޭނުންކުރަމުންނެވެ.

ގާތްގަނޑަކަށް 3 އަހަރަށްފަހު، މަހާ ޖައްރާފުގެ ފަޅުވެރިންގެ ގޮތުގައި 17 ދިވެހިން މަސައްކަތްކުރަން ފަށާފައިވަނީ 7 އޮކްޓޯބަރު 2020 އިން ފެށިގެންނެވެ. މި ފަޅުވެރިންގެ ތެރޭގައި ބޯޓުގެ ކެޕްޓަނާއި، 2 ޗީފް އޮފިސަރުންނާއި، ޗީފް އިންޖިނިއަރާއި، ސެކަންޑް އިންޖިނިއަރާއި، 4 ޕައިޕް އޮޕަރޭޓަރުންނާއި، އިލެކްޓްރޯ ޓެކްނިކަލް އޮފިސަރާއި، ބޯޓުގެ ކްރޫއިންނާއި ކައްކާ ހިމެނެއެވެ. ކުރިއަށްއޮތްތާގައި މަހާ ޖައްރާފުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރުމަށް އިތުރު ދިވެހިން ތަމްރީނުކުރާނެކަމަށް ވެސް އެމް.ޓީ.ސީ.ސީން ވަނީ ވިދާޅުވެފައެވެ.

ކަނޑުގެ 50 މީޓަރު އަޑިން ވެލިނެގުމުގެ ޤާބިލުކަން ލިބިފައިވާ މަހާ ޖައްރާފަކީ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާ މިނުގައި 16.25 މީޓަރު ހުންނަ އުޅަނދެކެވެ. މި އުޅަނދަށް އެއްފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެއެވެ. އަދި މިއީ ތިމާވެއްޓަށް ގެއްލުން ނުވާފަދަ ގޮތަކަށް ބިން ހިއްކުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އެމް.ޓީ.ސީ.ސީން ވަނީ 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް މަހާ ޖައްރާފު ބޭނުންކޮށްގެން ޖުމްލަ 13 މަޝްރޫޢެއް ހިންގާފައެވެ. އެގޮތުން ކުޅުދުއްފުއްޓާއި ހޯރަފުއްޓާއި ށ.ފުނަދޫގެ އެއަރޕޯޓު އެޅުމަށް ބިން ހިއްކާފައިވަނީވެސް މަހާ ޖައްރާފު ބޭނުންކޮށްގެންނެވެ.