ރަސްމިއްޔާތުތަކާއި ބައްދަލުވުންތަކުގައި ކެއުން އިންތިޒާމްކުރުން މަނާކޮށް، އެކިއެކި ހަފްލާތަކުގައި މާސްކު އަޅަންޖެހޭގޮތަށް އެޗްޕީއޭއީން ކަނޑައަޅާފައިވާ އުސޫލަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
ކޯވިޑްގެ ހާލަތުގައި ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމުގެ އަމަލުކުރަންވީ އުސޫލަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު، މިއުސޫލުގައި އެއް ރަށުން އަނެއް ރަށަށް ގޮސް މިފަދަ ހަރަކާތްތައް ބޭއްވޭނެ އުސޫލުތައްވެސް ވަނީ ބަޔާންކޮށްފައެވެ.
އެޗްޕީއޭއިން އެކުލަވާފައިވާ އުސޫލުގައިވާ ގޮތުން އެކިއެކި ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކުގައި ކެއުމުގެ ކަންކަން އިންތިޒާމުކުރުމަކީ މަނާކަމެކެވެ. އަދި ކައިވެނި ހަފްލާތަކާއި އުފަންދުވަހުގެ ޕާޓީތަކުގައި ކެއުމުގެ ކަންކަން އިންތިޒާމުކުރާއިރު ބުފޭ ހެދުމުގެ ބަދަލުގައި ވަކިން ސަރވް ކުރެވޭނެހެން ކާއެއްޗެހި ޕަރުސަލްކޮށްފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ. އަދި ބުފޭ ބަހައްޓާނަމަ ތަކެތި އަޅައިދިނުމަށް ވަކިން މީހަކު ޚާއްސަކުރުމަށްވެސް މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ.
? ކޯވިޑް-19ގެ ހާލަތުގައި ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު
— Health Protection Agency (@HPA_MV) December 19, 2020
18.12.2020https://t.co/CvBcJPytCu
އުސޫލުގައިވާ ގޮތުން ކައިވެނި ހަފްލާތަކާއި އުފަންދުވަހުގެ ހަފްލާތައް އިންތިޒާމުކުރާ ފަރާތްތަކުން ޙަފްލާ ބާއްވާ ތަނެއްގެ ތެރޭގައި 3 ފޫޓުގެ ގައިދުރުކަން ކަށަވަރުވާނޭ މިންވަރަށް މިހުން ގެނައުމަށް އިސްކަންދިނުމަށް ވަނީ އިރުޝާދުދެއްވާފައެވެ. އަދި މިފަދަ ހުރިހާ ޙަފްލާތަކުގައި އަބަދުވެސް އަނގައާއި ނޭފަތް ނިވާކުރުމަށް މާސްކު އަޅައިގެން ތިބުމަށް ވަނީ އަންގާފައެވެ. އެހެންކަމުން ގާތްގާތުގައި ފޮޓޯ ނަގާއިރުވެސް މާސްކު އަޅައިގެން ތިބުމަށް މިއުސޫލުގައި ވަނީ އަންގާފައެވެ.
މީގެއިތުރުން އިނާމު ދިނުމުގެ ރަސްމިއްޔާތުތަކުގައި އަތާ އަތް ޖޯޑުކޮށް ސަލާމްނުކުރުމަށާއި ސެޓުފިކެޓްފަދަ ތަކެތި ޙަވާލުކުރުމަށްފަހު އަތް ސެނެޓައިޒްކުރުމަށް ވަނީ އަންގާފައެވެ. އަދި ކޯވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހަކުނަމަ ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ހަފްލާތަކުގައި ބައިވެރިވުމާއި ބައިވެރިނުކުރުމަށް ވަނީ އަންގާފައެވެ.
? ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުޅިވަރުތައް ބޭއްވުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު
— Health Protection Agency (@HPA_MV) December 19, 2020
18.12.2020https://t.co/k3aFBWYlkJ
އެޗްޕީއޭއިން ޢާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މާލެއިން ރަށްރަށަށް ގޮސް ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ޙަފްލާތައް ބާއްވާކަމުގައިވާނަމަ އެޗްޕީއޭއިން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ލިޔުމުން ހޯދަންޖެހޭގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި ގެސްޓްހައުސް ހުންނަ ރަށަކުން ނުވަތަ އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށަކުން ގެސްޓްހައުސް ނުހިންގާ ރަށަކަށް ދާނަމަ އެރަށެއްގެ ރަށު ކައުންސިލްގެ ހުއްދަ ހޯދަންޖެހެއެވެ. މީގެއިތުރުން ގެސްޓް ހައުސް ނުހިންގާ ރަށަކުން، ގެސްޓް ހައުސް ހިންގާ ރަށަކަށް ގޮސް ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ޙަފްލާތައް ބާއްވާނަމަ ގެސްޓްހައުސް ނުހިންގާ ރަށުގެ ކައުންސިލްގެ ހުއްދަ ހޯދަންވެސް މިއުސޫލުގައި ވަނީ އަންގާފައެވެ.
އަލަށް ދެމުންދާ ލުއިތަކާއެކު ކުޅިވަރު ކުޅުމަށްވެސް ލުއިތަކެއް ދީފައިވާއިރު މިކަމާ ގުޅިގެން އެޗްޕީއޭއިން ޢާއްމުކޮށްފައިވާ އުސޫލުގައިވަނީ ކުޅިވަރު ކުޅުމަށް ވަކިގަޑިތަކުގައި އަންނަ މީހުންގެ ޢަދަދު ކަނޑައަޅާ ޝެޑިއުލްކުރުމަށް އަންގާފައެވެ.
ކުޅިވަރު ކުޅޭ މީހުންނާއި ބަލަން އަންނަ މީހުން އެއްނުވާގޮތަށް އިންތިޒާމު ހަމަޖެއްސުމަށްވެސް މިއުސޫލުގައިވަނީ އަންގާފައެވެ. މީގެ އިތުރުން ކުޅިވަރުކުޅޭ ވަގުތުތަކުގައި، ކުޅިވަރު ނުކުޅުނަސް އެތަންތަނގައި ތިބޭ ކުޅުންތެރިންނާއި ބަލަން އަންނަ މީހުންވެސް ހުރިހާ ގަޑިއެއްގައި މާސްކުއަޅަންޖެހެއެވެ.
ކޯވިޑް-19ގެ ކޭސްތައް މަދުވުމުގެ ސަބަބުން އެޗްޕީއޭއިން އަންނަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. އެހެންނަމަވެސް ލުއިތަކާއެކުވެސް ކޯވިޑް-19ގެ ނުރައްކާ ކުޑަ ކުރެވޭނީ ރައްކާތެރިކަމަށްޓަކައި ސަމާލުވެ ފަރުދީ ގޮތުން ކުރަން ހުރި ކަންކަންކުރުމުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.