ތަރައްްޤީ

މިލަންދޫ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު ހަވީރު އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ.

މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު ދެއްކެވި ވާހަކަފުޅުގައި މި މަޝްރޫޢު އެކުންފުންޏާއި ހަވާލުވި ދުވަހުން ފެށިގެން މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިގަތުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަމުގައި މިލަންދޫގެ ރައްޔިތުންނާއި ކައުންސިލާއި ޚާއްސަކޮށް ދާއިރާގެ މެމްބަރުގެ ފަރާތުން ލިބުނު އެހީތެރިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މަޝްރޫޢުގެ ސަރވޭއާއި، ޑިޒައިންކުރުމުގެ މަސައްކަތާއި މަޝްރޫޢަށް ބޭނުންވާ އީ.އައި.އޭގެ މަސައްކަތްތައް ނިންމާފައިވަނީ އެކަށީގެންވާ ސްޕީޑެއްގައިކަމަށް ވިދާޅުވިއެވެ.

މޫސާ އަލިމަނިކު ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ 2021ވަނަ އަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް މިމަސައްކަތް މުޅިން ނިންމާލައި މިލަންދޫގެ ރައްޔިތުންނަށް މަގުތަކުގެ ފުރިހަމަ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުންކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މިލަންދޫ މަގުހެދުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކުރައްވާފައިވަނީ މިއަހަރުގެ މާރިޗުމަހުގެ 12ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން އެރަށު 8 މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިއީ ދަޢުލަތުގެ ބަޖެޓުން 156.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މިލަންދޫގައި 6.15 ކިލޯ މިޓަރުގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ. އަދި މި މަސައްކަތް ކުރުމަށް އާރް.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 520 ދުވަހުގެ ތެރޭގައި މުޅިން ނިންމާގޮތަށެވެ.

ށ. މިލަންދޫއަކީ އާބާދީގައި 2500 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ.