ދުނިޔޭގެ ވިޔަފާރި

ބްރެކްސިޓް : ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމައިފި


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް އެކުލަވާލާ ވިޔަފާރީގެ އެއްބަސްވުން އެކުލަވާލަން ވަކި މުއްދަތެއް ކަނޑަނާޅާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި އެއްބަސްވުން އެކުލަވާލުމަށް އީޔޫއާއި އިނގިރޭސިވިލާތުގެ އިސްވެރިންގެ އެންމެފަހުގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައި އޮތީ މިއަދުއެވެ. އެހެންނަމަވެސް، އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް އެކުލަވާލާ ވިޔަފާރީގެ އެއްބަސްވުން ވަކިމުއްދަތަކަށް ބެލުމެއްނެތި ކުރިއަށް ގެންދިއުމަށް ނިންމުމުން މިހަފްތާގެ ތެރޭގައި އިސްވެރިންގެ އިތުުރު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުންތަކުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން އަދި ވިލާތުގެ އިއްތިހާދުގެ ޗީފް އަރްސެލާ ވަންޑަލޭންވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ވިޔަފާރީގެ އެއްބަސްވުން ޑެޑްލައިންއަށް ބެލުމެއްނެތި ކުރިއަށް ގެންދިއުމަށް ނިންމުމުން ޓްރާންސިޝަން ޕީރިއަޑް މިމަހުގެ ނިޔަލަށް ނިމެން އޮތް އޮތުމަށް ބަދަލު އަންނާނެކަމަށް ބެލެވެއެވެ. އެހެންނަމަވެސް، މިކަމާއި ގުޅޭގޮތުން އިނގިރޭސިވިލާތުންވެސް އަދި ވިލާތުގެ އިއްތިހާދުންވެސް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ވިޔަފާރީގެ އެއްބަސްވުން ޑެޑްލައިންއަށް ބެލުމެއްނެތި ކުރިއަށް ގެންދިއުމަށް ނިންމާފައި މިވަނީ، މިދިޔަ ހަފްތާގައި އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވުން ގާތީ ވިޔަފާރީގެ އެއްބަސްވުމަކާއި ނުލާކަމަށް އިނގިރޭވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެެވެ.

އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން މިއަހަރުގެ ޖެނުއަރީމަހު ވަކިވެފައިވާއިރު، އެ ޤައުމު މިހާރު ދަނީ ވިލާތުގެ އިއްތިހާދުން ވަކިވުމަށް ޓްރާންސިޝަން ޕީރިއަޑެއް ކަޑައްތު ކުރަމުންނެވެ. ޓްރާންސިޝަން ޕީރިއަޑް މިއަހަރުގެ ނިޔަލަށް ހަމަވާއިރު، ވިޔަފާރީގެ އެއްބަސްވުމަކާއެކު އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމުގައި މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.

ބްރެކްސިޓްގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަންވަނީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް އެކުލަވާލާ އެއްބަސްވުން އެކުލަވާލުމުގައި ގިނަ ހުރަސްތަކެއް އަދިވެސް އެބަހުރިކަމަށެވެ. މި ހުރަސްތައް ނައްތާލުމަށްޓަކައި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އަރްސެލާ ވޮންޑަލޭން އިސްކޮށް ހުންނަވާ ވިލާތުގެ އިއްތިހާދާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށް ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވިދާޅުވިއެވެ. މި މަޝްވަރާތަކަކީ ކާމިޔާބު މަޝްވަރާތަކެއްކަމަށް ސިފަކުރައްވާ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ވަނީ އެއްބަސްނުވެވި ހުރި ކަންތައްތައް ހައްލުކުރުމަށް އަވަސް މުސްތަޤުބަލެއްގައި މަޝްވަރާކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދާ ދެމެދު ބްރެކްސިޓްގެ ސަބަބުން އުފެދިފައިވާ ޚިޔާލުތަފާތުވުން ކުޑަކުރެވުނު ކަމުގައިވިޔަސް ވިލާތުގެ އިއްތިހާދުން މި ވާހަކަތަކުގައި ބައިވެރިވާ ފަރާތްތަކުން ބުނަމުންދަނީ އެކަމުގައި ކުރިޔަށް ނުދެވި ހުއްޓުން އަރާފައިވާކަމަށެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށްފަހު އިނގިރޭސި ވެރިކަމުގެ ދަށުގައި އޮންނަ އުތުރު އަޔަލެންޑާއި އީޔޫގެ މެންބަރު ޤައުމެއްކަމަށްވާ ރިޕަބްލިކް އޮފް އަޔަލެންޑާ ދެމެދު އޮންނަ ބޯޑަރުގައި ކަސްޓަމްސްގެ ކަންކަން ހިނގަމުންދާންޖެހޭނެ ގޮތާއިމެދު ބޮޑުވަޒީރު ޖޮންސަންއާއި އުތުރު އަޔަލެންޑްގެ ޑިމޮކްރަޓިކް ޔޫނިއަނިސްޓް ޕާޓީއާއި ދެމެދު ވަނީ ޚިޔާލުތަފާތުވެފައެވެ.

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް އެފަރާތާއެކު ވެވޭ އެއްބަސްވުމެއް ޤާއިމުނުކުރެވުނަސް ޑިސެމްބަރ 31 ގައި އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވާނެކަމަށް ބޮޑުވަޒީރު ޖޮންސަން ވަނީ ވިދާޅުވެފައެވެ.