ކޮވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިމަކުގެ ފިޔަވަޅެއްގެ ގޮތުން ގާތްގަނޑަކަށް 10 މަހުގެ ދިގުމުއްދަތަކަށް ހއ. އުތީމު ގަނޑުވަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން އާއްމުންނަަށް ހުޅުވާލައިފިއެވެ.
10 މަސްފަހުން އެ މަރުކަޒު އާއްމުންނަށް ހުޅުވާލާފައިވަނީ ޢާންމު ޙާލަތުގައި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރައްވާ މެހްމާނުން ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި އެކުގައެވެ. އެގޮތުން މިހާލަތުގައި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނީ ދިވެހިންނަށެވެ.
އުތީމު ގަނޑުވަރުގެ ކަންކަން ބަލަހައްޓާ ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ ބިދޭސީންގެ ތެރެއިން ގަނޑުވަރަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނީ ރާއްޖޭގައި ވަޒަންވެރިވެގެން ދިރިއުޅޭ ބިދޭސީންނަށާއި، ވޯކް ޕާމިޓް އޮތް ބިދޭސީންނަށެވެ. އަދި ފުރަ ބަންދުކޮށްފައިވާ އެއްވެސް ސަރަޙައްދަކުން އަންނަ މީހަކަށް އެ ފުރުސަތެއް ނުލިބޭނެ ކަމަށް އެ މަރުކަޒުން ވަނީ ބުނެފައެވެ.
މިހާލަތުގައި ގަނޑުވަރު ހުޅުވާލި ނަމަވެސް އާ އާންމު ހާލަތުގައި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރާ މެހްމާނުން ޢަމަލުކުރަންޖެހޭ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގަނޑުވަރުގެ ވަޅުން ފެން ބޭނުންކުރުމުގެ ފުރުސަތެއް ނުލިބޭނެކަމަށާއި އެކަން އެގޮތަށް ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުން އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށް އެ މަރުކަޒުން ވަނީ ހާމަ ކޮށްފައެވެ.
މީގެއިތުރުން ގަނޑުވަރަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ގަނޑުވަރަށް ވަދެވޭނީ އެ މަރުކަޒުން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ނަންނޯޓް ކޮށްގެން ކަމަށާއި މީގެ އިތުރުންވެސް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ގަނޑުވަރަށް ވަނުމުގެ ކުރިން އަތްދޮވުމާއި، މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަންވެސް ވަނީ އެ އުސޫލުގައި ހިމަނާފައެވެ. އަދި ގަނޑުވަރު ބަލަން ވަނުމަށް ދުވާލެއްގެ މައްޗަށް ދޫކުރާނީ ގިނަވެގެން 50 އެޕޮއިންޓްމަންޓްއެވެ. އަދި އިތުރު ފަރާތްތަކަށް ފުރުޞަތު ދޭނީ ވަގުތު އޮތްވަރަކުން، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށްވެސް އެ މަރުކަޒުން ބުނެއެވެ.
ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުކަޒުގެ އޮފީސްތެރޭގައި ބެހެއްޓިފައިވާ އާސާރީ ކަބަޑުގައި ހުރި ތަކެތި ބެލެމުގެ ފުރުސަތެއް ނުލިބޭނެ ކަމަށާއި ގަނޑުވަރު ބެލުމަށްފަހު ފޮޓޯ ނެގުމަށް ގަނޑުވަރުގެ ތެރޭގައި މަޑުކުރެވޭނީ ވެސް ގިނަވެގެން ފަސް މިނެޓުގެ ވަގުތަކޮޅަކަށް ކަމަށެވެ.
ގަނޑުވަރަށް ޒިޔާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ހެނދުނު 8:15 އިން މެންދުރުފަހު 13:00 އަށެވެ. އަދި މިހާލަތުގައި ގަނޑުވަރަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކުން ޒިޔާރަތްކުރަން ބޭނުންވާ ދުވަހުގެ އެއް ދުވަސް ކުރިން އެ މަރުކަޒަށް ގުޅާ އެޕޮއިންޓްމަންޓް ހައްދަންވާނެ ކަމަށާއި އެޕޮއިންޓްމަންޓް ނޯޓް ކުރާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު 13:30 އަށް އެމަރުކަޒުގެ ނަމްބަރު 3340255 ނުވަތަ 3340254 ގުޅައިގެންކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެއެވެ.