ޚަބަރު

"ޤައުމެއް ކުރިއަރާނީ ރިވެތި އަޚުލާޤާއި ހަރުދަނާ ތަރުބިއްޔަތެއް ދަރީންނަށް ދެވިގެން"


  • ދަރީންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި އިސްލާމީ ރިވެތި އަޚުލާޤު އަށަގަންނުވަންޖެހޭކަމަށް ވިދާޅުވި

  • ހަރުދަނާ ޖީލެއް ބިނާކުރުމުގައި މުދައްރިސުންގެ ދައުރު މުހިންމުކަން ފާހަގަކުރެއްވި

ޤައުމެއް ކުރިއަރާނީ އެޤައުމެއްގެ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި އިސްލާމީ މާތް އަޚުލާޤުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ތަރުބިއްޔަތެއް ދަރީންނަށް ދެވިގެންކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ޓީޗަރުންގެ އަގުވަޒަންކުރުމަށް ސެންޓްރަލް ހޮޓެލްގައި ރޭ ބޭއްވި ޚާއްޞަ ހަފުލާ، ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ތަޢުލީމާއި ތަރުބިއްޔަތު އަދި ރިވެތި އާދަތައް އަށަގަނެވިފައިވާ ޖީލެއް މި ޤައުމަށް ބޭނުންވާކަމަށެވެ. އަދި މިފަދަ ޖީލެއް ބިނާކުރުމުގައި މުދައްރިސުންގެ ދައުރު މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"މި ޤައުމަށް ބޭނުންވަނީ ތަޢުލީމާއި ތަރުބިއްޔަތު ލިބިފައިވާ، ތިމާގެ އަމިއްލަ ނަފުސަށާއި އެހެންމީހުންނަށް އިޙްތިރާމު ކުރުމާއި އޯގާވެރިވުންފަދަ ރިވެތި އާދަތައް އަށަގަނެވިފައިވާ ޖީލެއް. މިފަދަ ޖީލެއް ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ ލޮބުވެތި މުދައްރިސުން." ވަޒީރު ހީނާ ވިދާޅުވިއެވެ.

ވަޒީރު ހީނާގެ ވާހަކަފުޅުގައި، ތުއްތު ދަރިންނަކީ އަޅުގަނޑުމެންގެ ޤައުމު ދެކެ ލޯބިވާ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ހުރިމަތްތެރިކޮށްހިތާ، އަދި ޤައުމިއްޔަތު ނަގަހައްޓައި ދަމަހައްޓާނެ ދަރީންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ފާހަގަކޮށް އަކަމަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ހަފުލާގައި އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރުންގެ ތެރެއިން އެކި ގޮތް ގޮތުން ފާހަގަކޮށްލެވޭ ޓީޗަރުނަށް ވަނީ އިނާމު އަރުވާފައެވެ. އަދި ބެލެނިވެރިންގެ ފަރާތުން ޓީޗަރުންނަށް ޚާއްސަކޮށް ހުށަހެޅުމެއްވެސް ވަނީ ހުށަހަޅާފައެވެ.