ދުނިޔޭގެ ވިޔަފާރި

ސިންގަޕޫރާއި ޕެސިފިކް އެލަޔަންސްއާ ދެމެދު އަންނަ އަހަރު އެފްޓީއޭ އެކުލަވާލަނީ


3 އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކަށްފަހު ސިންގަޕޫރާއި ޕެސިފިކް އެލަޔަންސްއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް އެއްބަސްވެއްޖެއެވެ.

ޗިލީ، ކޮލަމްބިއާ، މެކްސިކޯ އަދި ޕޭރޫގެ މައްޗަށް އެކުލެވޭ ޕެސިފިކް އެލަޔަންސްއާއެކު ސިންގަޕޫރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް އެއްބަސްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އޮންލައިންކޮށް ބޭއްވި 15 ވަނަ ޕެސިފިކް އެލަޔަންސް ސަމިޓްގެ ތެރެއިންނެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުން ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ސެން ލޫންގްގެ ޕްރެސް ސެކެޓްރީ ޗާންގް ލީ ލިން ވަނީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި އެއްބަސްވުމުގައި ސޮއިކުރާނެކަން ހާމަކުރައްވާފައެވެ.

ޗާންގް ލީ ވަނީ 15 ވަނަ ޕެސިފިކް އެލަޔަންސް ސަމިޓްގައި ބޮޑު ވަޒީރު ލީ ސެން ލޫންގް އެސޯސިއޭޓް ސްޓޭޓް މެމްބަރެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން މުހިންމު އަދި ކާމިޔާބު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށެވެ. އެގޮތުން 3 އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކަށްފަހު ސިންގަޕޫރާއި ޕެސިފިކް އެލަޔަންސްއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް އެއްބަސްވެފައިވާކަން ޗާންގ ލީ ހާމަކުރެއްވިއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ދޭދޭ ސަރަހައްދުގައި ވިޔަފާރިތަކަށް ފަހި މާޙައުލެއް ބިނާކޮށް ކޯވިޑްގެ މި ޙާލަތުގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމުގައި ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރުމުން މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ސިންގަޕޫރުގެ ބޮޑު ވަޒީރު ފާހަގަކުރެއްވިއެވެ.

ދިގު މަޝްވަރާތަކަކަށްފަހު ސިންގަޕޫރާއި ޕެސިފިކް އެލަޔަންސްއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާއި ގާތަށް ޖެހިލުމުން މިކަމަކީ މި ދަތިދަނޑިވަޅުގައި ލިބުނު އުއްމީދުގެ ހުޅުކޮޅެއްކަމަށް ސިންގަޕޫރުގެ މިނިސްޓަރ ފޯރ ޓްރޭޑް އެންޑް އިންޑަސްޓްރީ ޗަން ޗުން ސިންގް ވަނީ ސިފަކުރައްވާފައެވެ. މިނިސްޓަރ ޗަން ޗުން ސިންގ ނެރުއްވި ބަޔާނެއްގައި މި އެއްބަސްވުމުން ސިންގަޕޫރު ދުނިޔޭގެ މާކެޓަށް އިތުރަށް ހުޅުވި ކޯވިޑް ރިކަވަރީ އެތައް ގުނައަކުން ހަލުވިވެގެންދާނެކަމަށް ވިދާޅުވެފައެވެ.

ޗިލީ، ކޮލަމްބިއާ، މެކްސިކޯ އަދި ޕޭރޫގެ މައްޗަށް އެކުލެވޭ ޕެސިފިކް އެލަޔަންސްއަކީ، ދުނިޔޭގެ 8 ވަނައަށް އެންމެ ބޮޑު އިޤްތިޞާދެވެ. އަދި 7 ވަނައަށް އެންމެ ބޮޑު އެކްސްޕޯޓަރވެސްމެއެވެ. އެގޮތުން 2019 ވަނަ އަހަރު އެކަނިވެސް ސިންގަޕޫރުން މި އެލަޔަސްއާއެކު 6.1 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުޢާމަލާތް ވަނީ ހިންގާފައެވެ. މިއީ އެޤައުމުން ލެޓިން އެމެރިކާގެ ޤައުމުތަކާއެކު ކުރި ޖުމްލަ ވިޔަފާރީގެ 33.2 އިންސައްތައެވެ.

ޗިލީގެ ރައީސް ސެބާސްޓެން ޕިނޭރާ ޗެއަރކުރެއްވި 15 ވަނަ ޕެސިފިކް އެލަޔަންސް ސަމިޓްގެ ތެރެއިން ސިންގަޕޫރާއި ޕެސިފިކް އެލަޔަންސްއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް އެއްބަސްވެފައިވާއިރު، މި ބައްދަލުވުމުގައި ސިންގަޕޫރުގެ ބޮޑުވަޒީރުގެ އިތުރުން ކޮލަމްބިއާ، މެކްސިކޯ އަދި ޕޭރޫގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.