ވިޔަފާރި

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމަށް ޙާއްސަ ގައިޑްލައިނެއް ތައްޔާރުކުރަނީ


މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވައި، ޙުއްދަ ދިނުމަށް ވަކި ޙާއްސަ ގައިޑްލައިންއެއް ތައްޔާރުކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މި ގައިޑްލައިން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި ގުޅިގެންކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިބްރާހިމް ފަރުހާދު ވިދާޅުވީ، އެޗްޕީއޭއާއިއެކު މިހާރު ގައިޑްލައިން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކުރިއަށްއޮތް ހަފްތާގެ ތެރޭގައި ގައިޑްލައިން އާންމު ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެޗްޕީއޭއާއިއެކު މިހާރު މިދަނީ މި ސަރަހައްދަށް ވަކިން ގައިޑްލައިން ތައްޔާރުކުރުމަށް މަސައްކަތްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ މިފެށޭ ހަފްތާގައި އެޗްޕީއޭއިން ޕަބްލިޝްކުރާނެ މި ގައިޑްލައިން. ކޮންމެ ސިޓުއޭޝަންއަކަށް ބެލުމަށްފަހު އަޅުގަނޑުމެން މި ގައިޑްލައިން މި ތަރުތީބުކުރަނީ. މިހާރު 14 ވަނަ ދުވަހު މާލެ ސަރަހައްދު ހުޅުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެޗްޕީއޭއާއި އެކު ގައިޑްލައިން ފައިނަލައިޒްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން." ފަރުހާދު ވިދާޅުވިއެވެ.

ފަރުހާދު ވިދާޅުވީ، ގައިޑްލައިން ފުރަތަމަ އާންމުކުރާއިރު ބައެއް ކަންތައްތަކަށް ހުއްދަ ނުދެވިދާނެކަމަށެވެ. ނަމަވެސް ކޯވިޑް19 ގެ ހާލަތައް ބަލައި ހުއްދަތައް މިނިސްޓްރީން ދޫކުރަމުން ދާނެކަމަށް އެނާ ވިދާޅުވިއެވެ. ގައިޑްލައިން އެކުލަވާލަނީ ސަލާމަތީ ކަންކަމަށް އެންމެ ފުރިހަމައަށް ބެލުމަށްފަހުގައިކަމަށް އޭނާ ވިދާޅުވިއެވެ.

"ފަހަރުގަ ވެދާނެ މި ދަނޑިވަޅުގައި 14 ގައި ހުޅުވާއިރު ސައިޑްސީންއަށް ނުދެވި މިކަހަލަ އެންމެ ފުރަތަމަ ހުރެދާނެ އަޅުގަނޑުމެންނަށް އިނިޝިއަލީ ނުދެވޭނެކަހަލަ ހުއްދަތައް. އެހެންނަމަވެސް ހާލަތު ބަދަލުވަމުންދާ ވަރަކަށް އަޅުގަނޑުމެން އެ ހުއްދަތައް ދެވޭނެ. ސަލާމަތީގޮތުން އަޅުގަނޑުމެން ނަގަންޖެހޭ ފިޔަވަޅެއް އަޅުގަނޑުމެން ނަގާނަން. އަޅުގަނޑުމެންނަށް އެންމެ މުހިންމުވާނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން." ފަރުހާދު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ކޯވިޑް19ގެ ހާލަތަށްފަހު މާދަމާ އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދޭން ވަނީ ނިންމާފައެވެ. މީގެކުރިން މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހިންގާފައިވަނީ ޓްރާންސިޓް ފެސިލިޓީގެ ގޮތުގައެވެ.