ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "ރިވެލި އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު ޞިއްޙަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ޞިއްޙަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން، ސަރުކާރުގެ "އޯގާތެރި މުޖުތަމަޢު" ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މުހިންމު ޤައުމީ ހަރަކާތެއްކަމަަށެވެ. އަދި މި އެވޯޑުގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް އެހީތެރިވާ ފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް ހިތްވަރު ދިނުންކަމަށް އެވުޒާރާއިން މައުލޫމާތުދެއްވައެވެ.
* ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުން
* މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުން
* ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުން
* މުޖުތަމަޢުގެ ހުރިހާ ދާއިރާއަކުން އެފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދިނުން
* އެފަރާތްތަކުގެ އަމިއްލަ މިނިވަންކަމަށް ވަކާލާތުކޮށް، ކުރިއެރުމަށް މަގުފަހިކުރުން
ޞިއްޙަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ފަހަރުގެ ރިވެލި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 6 ކެޓަގަރީއަކުންކަމަށެވެ.
* ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
* ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތައް
* ތަޢުލީމީ ދާއިރާ
* އަމިއްލަ ޖަމުޢިއްޔާތައް
* ފަންނީ އަދި ފަރުދީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް
* އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތައް
ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފޯމާއި އުޞޫލުތައް ޞިއްޙަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާގެ ކައުންޓަރުންނާއި، ވެބްސައިޓް (health.gov.mv) އިން އަދި އަތޮޅުތަކުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބެން ހުންނާނެކަމަށް އެވުޒާާރާއިން ވިދާޅުވިއެވެ. އަދި ފުރިހަމަކޮށްފައިވާ ފޯމުތައް މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވޭނެކަމަށް އެ ވުޒާާރާއިން ވިދާޅުވިއެވެ.
މިއެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 30ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
މިފަދަ އެވޯޑެއް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމަޢުގައި ތިބި ޤާބިލު ބައެއްކަން ހާމަކޮށްދިނުންކަމަށް ޞިއްޙަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާގެ ވިދާޅުވެއެވެ. މީގެ ސަބަބުން މުޖުތަމަޢުގެ ތަފާތުކުރުންތައް ކުޑަވެ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށްވެސް އެވުޒާާރާއިން ވިދާޅުވެއެވެ.