ކޮންމެ އަހަރެއްގެވެސް ސްކޫލު ބަންދާއި ދިމާކޮށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން އެތަށް ބަޔަކު މައްކާއަށް ދެއެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ޓާމުގެ ސްކޫލު ބަންދުގައިވެސް ގިނަ އަދަދެއްގެ ދިވެހިން ވަނީ ޢުމްރާގެ އަޅުކަމަށް ގޮސްފައެވެ.
މިދުވަސްވަރަކީ، ހިމަބިއްސާއި އެކި ކަހަލަ ގައިން ގަޔަށް އަރާ ބަލިތައް ފެތުރެމުންދާ ދުވަސްވަރެއްކަމުން އެޗްޕީއޭއިން ދަނީ ބަލިތަކުން ރައްކާތެރިވުމަށް ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މީހުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެޗްޕީއޭއިން ވަނީ ޢުމްރާއިން އަންނަ މީހުންނަށް އަމާޒުކޮށްގެން މީސްމީޑިއާ މެދުވެރިކޮށް ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި 8 ކަމެއް ހިމެނެއެވެ.
މީގެއިތުރުން ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ތިބެގެން ފަރުވާ ހޯދޭނެ ގޮތްތަށްވެސް އެޗްޕީއޭއިން ހިއްސާކުރައްވާފައިވެއެވެ.
ރާއްޖެއިން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރަންދާ މީހުންގެ އަދަދު މިފަހުން ވަނީ، ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. ޚާއްސަކޮށް ސްކޫލު ޗުއްޓީއާއި އަދި ރަމަޟާން މަސް ފަދަ މަސްތަކުގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ދާ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
މިއަހަރުގެ ފުރަތަމަ ޓާމުގެ ސްކޫލު ބަންދުގައިވެސް ގިނަ އަދަދެއްގެ މީހުން ވަނީ ޢުމްރާގެ އަޅުކަމަށް ގޮސްފައެވެ. އެގޮތުން މިދިޔަ މަހު އެކި އެކި ޖަމާޢަތްތަކުގައި ރާއްޖެއިން 5 ހާހަށްވުރެ ގިނަ މީހުން ޢުމްރާއަށް ގޮސްފައިވެއެވެ.