ސިއްހަތު

އެމްޓީސީސީން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފި


އެމްޓީސީސީ އާއި މޯލްޑިވްސް ބްލަޑް ޑޯނާސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ. މިކަމަށްޓަކައި ފެންނާ ގިމަތައިގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ލޭ ބޭނުންވާ ފަރާތްތަކަށް އެހީވުމަށް އެމްޓީސީސީން ފެށި މި ޕްރޮގްރާމަކީ ވަރަށް ފައިދާ ހުރި ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މިޕްރޮގްރާމަކީ ހަމައެކަނި މާލޭގައި ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ނޫން ކަމަށާއި ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ސެންޓްރަލް ބްލަޑް ބޭންކެއްގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެކި އަތޮޅުތަކުގައި މިފަދަ ބްލަޑް ކޭމްޕްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް ތިބި ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.  ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ވިދާޅުވީ މިފަދަ އިވެންޓް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ދާއިމީކޮށް ލެއަށް ބޭނުންވާ ފަރާތްތަކާއި ދާއިމީކޮށް ނޫނަސް ލެއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމެއް ބޭއްވުމުގެ ސަބަބުން އެމްޓީސީސީ އަކީ ރާއްޖޭގައި ހަމައެކަނި އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ ނަމުގައި އޮންނަ ކުންފުންޏެއްގެ ބަދަލުގައި އިޖްތިމާއީ ކަންކަމުގައި ބައިވެރިވާ ކުންފުންޏެއްކަން އެނގިގެންދާނެ ކަމަށެވެ. އެމްޓީސީސީ މުވައްޒަފުންނާއި، މުވައްޒަފުންގެ އާއިލާގެ މެންބަރުންގެ އިތުރުން އާންމުންނަށް ހުޅުވާލައިގެން ހުޅުމާލެ ފެރީ ޓާމިނަލްގެ ފެންނަގިމަތަ ސަރަހައްދުގައި ކުރިއަށްދާ އެ ޕްރޮގްރާމް މިއަދު ހަވީރު ހަޔަކާއި ހަމަޔަށް ކުރިއަށްދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ. މި ހަރަކާތުގައި އެމްޓީސީސީ، ބްލަޑް ޑޯނަރސް، އޭޑީކޭ ހޮސްޕިޓަލް އަދި އައިޖީއެމްއެޗުންވެސް ބައިވެރިވެއެވެ.