ޚަބަރު

ފޮތްގާޑިޔާގެ ޚިދުމަތް ފުޅާކުރުމަށް ޗިލްޑްރަން އޮފް މޯލްޑިވްސްއާއި އެޗް.ޑީ.ސީއާ ދެމެދު އެއްބަސްވެއްޖެ


ހުޅުމާލޭގައި ފޯރުކޮށްދޭ ފޮތްގާޑިޔާގެ ޚިދުމަތް ފުޅާކޮށް، ކުޑަކުދިންނަށް ގުދުރަތީ މާޙައުލެއްގައި ފޮތް ކިޔުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީ އާއި ޗިލްޑްރަން އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޗިލްޑްރަން އޮފް މޯލްޑިވްސްއަކީ ހުޅުމާލޭގައި އެކި ފަރާތްތަކަށް ބީޗް ސަރަޙައްދުގައި ފޮތް ކިޔުމާއި ތަފާތު ޙަރަކާތްތައް ހިންގުމަށް ފޮތްގާޑިޔާ ހިންގަމުން އަންނަ ފަރާތެކެވެ.

އެޗް.ޑީ.ސީއާއެކު އެކުލަވާލެވުނު މިއެއްބަސްވުމުގެ ދަށުން ފޮތްގާޑިޔާ ޙަރަކާތް ހިންގުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ގުދުރަތީ މާޙައުލެއްގައި ކުޑަކުދިންނަށް ފޮތް ކިޔުމުގެ ފުރުސަތު ހޯދައި ދިނުމަށާއި ޗިލްޑްރަން އޮފް މޯލްޑިވްސްއިން ޙަރަކާތްތައް ހިންގުމަށް ހަޓެއް އެޅުމަށް ނިންމާފައިވާ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ހަޓު އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ބީޗު ސަރަޙައްދުގައެވެ. ޗިލްޑްރަން އޮފް މޯލްޑިވްސް އިން ހާމަކުރާ ގޮތުގައި ހަޓު ފަރުމާކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ސަޤާފަތާއި ގުޅޭގޮތަށް ރަށް ރަށުގެ އަތިރިމަތީގައި ހުންނަ އޮޑިހަރުގެއިން މިސާލު ނަގައިގެންނެވެ.

އެޗް.ޑީ.ސީން ވިދާޅުވީ ހަޓު ތަރައްޤީ ކުރުމުގައި އެޗް.ޑީ.ސީގެ ސީ.އެސް.އާރުގެ ބައެއްގެ ގޮތުގައި މަސައްކަތް ކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ހަޓު ތަރައްޤީކޮށް ނިމުމާއެކު ފޮތްގާޑިޔާގެ ފަރާތުން ކުޑަކުދިންނަށާއި އިސްރަށްވެހިންނާއި ގުޅުން ހުރި ޙަރަކާތްތައް ހިންގުމަށްވަނީ އެއްބަސްވެފައެވެ. އަދި މިތަނުގައި ތަފާތު އަތްތެރި މަސައްކަތްތައް ދަސްކޮށްދިނުމަށްވެސްވަނީ ނިންމާފައެވެ.