ޚަބަރު

ބިރުވެރި އެތައް ބައްޔަކުން ސަލާމަތްކޮށްދިނީ ވެކްސިން


ކޯވިޑް-19ގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވެ މިބަލިމަޑުކަމުގައި މިލިއަނުން މީހުން މަރުވާތަން ފެނުމާއެކު މުޅި ދުނިޔެ ހުއްޓުންއެރިއެވެ. ޢާލަމީ މިމުސީބާތުން މިންޖުވުމަށް މުޅި ދުނިޔެ މަސައްކަތް ކުރަންޖެހުނީ އިންތިހާއަށެވެ. ބައްޔާ ދެކޮޅަށް އިންސާނުންގެ ހަށިގަނޑު ތައްޔާރުކޮށް މި ނުރައްކާތެރި ވައިރަހާ ދެކޮޅަށް ދިފާޢީނިޒާމު ތެދުވާވަރުގެ ބޭހެއް ނުވަތަ ވެކްސިނެއް ތައްޔާރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅިތަކުގައިތިބި ސައިންވެރިންނާއި ސިއްޙީ މާހިރުން ފެއްޓެވިއެވެ.

ވެކްސިންއަކީ އޭގެ ކާމިޔާބީ ވަޒަންކުރުމަށް އަދި ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް އެކަށީގެންވާ ވަގުތު ބޭނުންވާ އެއްޗެކެވެ. އެހެންނަމަވެސް ކޯވިޑް-19އާ ގުޅިގެން ކުރިމަތިވި ޙާލަތުގައި ވަގުތު ވަރަށްކުޑައެވެ. ހޭދަވާ ކޮންމެ މިނެޓަކީ ފުރާނައެއް ގެއްލިގެންދާ ވަގުތެވެ. ސައިންވެރިން ފެއްޓެވި މަސައްކަތާއެކު މަމިހާރު މިވަނީ ވެކްސިން ޓެސްޓުކޮށްފައެވެ.

އެކި ޤަޢުމުތަކުން އެތައް ސަތޭކަ ސައިންސްވެރިން ރެއާއިދުވާ ކުރި މަސައްކަތުގެ ނަތީޖާއެއްގެގޮތުން މިހާރުވަނީ ވެކްސިންތަކެއް އުފައްދާފައެވެ. ވެކްސިން ޓެސްޓުކުރުމުގެ މަރުޙަލާ މިހާރުވަނީ ގާތްގަނޑަކަށް ނިމިފައެވެ. ހުރިހާ ޤައުމަކުންވެސް މިވަގުތު ތައްޔާރުވަމުން އަންނަނީ ވެކްސިން ދިނުމަށްޓަކައި ވާންޖެހޭ އިދާރީ ތައްޔާރީތަކެވެ. ވެކްސިނާގުޅޭގޮތުން ރާއްޖޭގެ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ހެޑް، ޑރ.ފާޠިމަތު ނަޒްލާ ވަނީ ޚާއްސަ ކަމެއް ފާހަގަކުރައްވާފައެވެ. އެއީ ދުނިޔޭގެ ތާރީޚުގައިވެސް މިއީ މިހާތަނަށް އެންމެ އަވަހަށް އުފެއްދި ވެކްސިންކަމެވެ.

"ކޯވިޑް-19ގެ ވެކްސިނަކީ މިހާތަނަށް ދުނިޔޭގައި އެންމެ އަވަހަށް އުފެއްދި ވެކްސިން. އެހެންނަމަވެސް މިވެކްސިން އުފެއްދުމުގައި އެހެން ވެކްސިންތައް އުފެއްދުމުގައި ކުރިއަށްދާ ހުރިހާ މަރުޙަލާއެއް ނުވަތަ ޓްރައިލްސްތަކެއް ކުރިއަށްދާނެ. އަދި އެމަރުޙަލާތައް ކަޑައްތުކުރާ ވެކްސިންތަކަށް އެކަނި ލައިސެންސް މިލިބެނީ" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ވެކްސިނަށް ކުރަމުންއައި ދިގު އިންތިޒާރު މިވަނީ ނިމުމަކާ ގާތްވެފައެވެ. ވެކްސިނެއް އުފެއްދުމަށް ކުރިމަތިވި ހުރިހާ ހިރާސްތަކަކަށް ގޮންޖަހައި ސައިންވެރިން މިވަނީ ވެކްސިން ވުޖޫދުކޮށްފައެވެ. ބައެއް ލެބުތަކުގައި ތައްޔާރުކުރި ވެކްސިންތައް ޓެސްޓު މަރުޙަލާގައިހުރި ވެކްސިން އިތުރަށް ތަޙްލީލުކޮށް އިތުރަށް ހޯދަންޖެހޭ ހޯދުންތައް ހޯދުމުގައިވެސް ސައިންސްވެރިން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ވެކްސިނަކީ މިނުރައްކަލުން ސަލާމަތްވުމަށް އޮތް އެންމެބޮޑު އުންމީދެވެ. މާޒީއަށް ބަލާއިރު މިފަދަ އެތައް ބަލިމަޑުކަމަކާ ދެކޮޅަށް ކުރަންޖެހުނު ހަނގުރާމައިގެ އެންމެ ކާމިޔާބު ހަތިޔާރަކީވެސް ވެކްސިނެވެ.

އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެއިންވެސް ގައިންގަޔަށްއަރާ ނުރައްކާތެރި އެތައް ބައްޔެއް ނައްތާލުމުގައި މާޒީގައި ބޮޑެތި ކާމިޔާބީތަކެއް ޙާސިލްކުރިއެވެ. މިކަމުގައި އެންމެބޮޑު އެހީތެރިކަމެއް ލިބުނީ ވެކްސިނުންނެވެ. އަޅުގަނޑުމެންގެ މިޖީލަށް ނޭނގޭ އެތައް ބައްޔެއް މީގެ ތެރޭގައި ހިމެނެއެވެ. އެގޮތުން މެލޭރިއާއާއި މީސްލްސްއާއި ރުބެއްލާއާއި ޝިގައްލާއާއި ޓެޓްނަސްއާއި ހޯއްގޮވާ ކެއްސުންފަދަ ބަލިތައް މިއީ ހަމައެކަނި ނަންނަމަށް މިވަނީ މިއަދު ބަދަލުވެފައެވެ.

އަޅުގަނޑުމެން މިހާރުވެސް ކުރިމަތިލާފައިމިވަނީ މިފަދަ ބައްޔަކާއެވެ. މިބަލީގެ ޝިކާރައިން ސަލާމަތްވުމަށްވެސް ވެކްސިނަކީ ވަރަށްބޮޑަށް އޮތް އުއްމީދުކަމުގައި ޤައުމީ ވެކްސިން ޕްރޮގްރާމްގެ ހެޑް ޑރ.ފާތުމަތު ނަޒްލާ ރަފީޤްވެސްވަނީ ފާހަގަކުރައްވާފައެވެ.

"ވެކްސިނަކީ މިބައްޔާ ދެކޮޅަށް އަޅުގަނޑުމެން ކުރަމުންމިގެންދާ މަސައްކަތުގައި އަލިމަގެއް ގެނެސްދޭނެ އެންމެ އުއްމީދީ ޙައްލު. ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު އަދި ދުނިޔޭގަވެސް ވެކްސިނަކީ މިއީ ގައިންގަޔަށް އަރާބަލިތައް ކޮންޓްރޯލް ކުރުމަށް ވަރަށް މުހިއްމު ހަތިޔާރެއް. ރާއްޖޭގައިވެސް މިފަދަ ގައިންގަޔަށް އަރާބަލިތަކުން ސަލާމަތްވެފަ ވަނީ ކާމިޔާބުކަމާއެކު ވެކްސިން ޕްރޮގްރާމްތައް ހިންގިފައިވާތީ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19އާ ދެކޮޅަށް ވެކްސިން ތައްޔާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދުނިޔޭގެ އެކި ޤައުމުތަކުން ގާތްގަނޑަކަށް 200 ވެކްސިން އެބަ ތައްޔާރުކުރެއެވެ. މީގެ ތެރޭގައި އެކިބާވަތުގެ ވެކްސިން ހިމެނޭއިރު ވެކްސިން ސްޓޯރކުރުމަށްވެސް އެކި ވެކްސިންތަކުގައި ފިނިހޫނުމިން ހިފަހައްޓަން ޖެހެނީ އެކި މިންވަރަށެވެ. ރާއްޖެއަށް ވެކްސިން ގެންނަނީ ޑަބްލިއުއެޗްއޯ ސްޓޭންޑަޑަށް ތައްޔާރުކޮށް ލައިސެންސް ލިބިފައިވާ ވެކްސިންތައްކަމަށް އެޗްއީއޯސިންވަނީ ހާމަކުރައްވާފައެވެ.