ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަޤާމަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަކަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުްމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރު ހޯދުމަށް ޢިއުލާންކޮށްފައިމިވަނީ ޤާނޫނީ މެންބަރުކަމުގައި ހުންނެވި އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު އެމަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މި ހިނގާ ޑިސެންބަރު މަހުގެ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ. މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

5 މެންބަރުންގެ މައްޗަށް ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވީ އެ ޓްރައިބިއުނަލްގެ ރައީސް، މުޙައްމަދު މުނައްވަރު އަލީ އާއި، ޙުސައިން ޒައިދާން ޖަލީލް އާއި، އިސްމާޢީލް ސާޖިދު އަދި އަލްއުސްތާޛް އަޙްމަދު އަޝްރަފްއެވެ.