ޚަބަރު

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޡަފަރުﷲ ޚާން އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްްޖެ


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޡަފަރުﷲ ޚާން ޖަމާލީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމުގެ ރައީސް ޢާރިފް ޢަލްވީއަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވެފައެވެ..

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޡަފަރުﷲ ޚާން ޖަމާލީގެ ޚިދުމަތުގެ ދިގު ތާރީޚުގައި އެ ޤައުމުގެ ކުރިއެރުމާއި ލާބައަށް ކުރައްވާފައިވާ ގިނަގުނަ މަސައްކަތްޕުޅު ފާހަގަކުރައްވައި، ބޮޑުވަޒީރުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދިވަނީ ދުޢާ ދަންނަވާފައެެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޡަފަރުﷲ ޚާން ޖަމާލީ އަވަހާރަވުމާ ގުޅިގެން ޕާކިސްތާން ހައިކޮމިޝަންގައި ހުޅުވާފައި ތަޢުޒިޔާގެ ދަފްތަރުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދުވަނީ ސޮއިކުރައްވާފައެވެ.