ޚަބަރު

އެފްއެޗްޓީއެސްގެ "ހައި-ޓީ" މިފަހަރު އާރްއާރްޓީގެ ޚިދުމަތުގެ ޝަރަފުގައި


ކޯވިޑް-19ގެ ޙާލަތުގައި ކުރީ ސަފުގައި މަސައްކަތްކުރައްވަމުންދާ ރެޕިޑް ރެސްޕޮންސް ޓީމުގެ ޚިދުމަތުގެ އަގު ވަޒަންކޮށް ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްސްގެ ދަރިވަރުން ޚާއްސަ ސައެއް އަރުވައިފިއެވެ.

"ހިތްވަރު"ގެ ނަމުގައި ކުރިއަށްގެންދިޔަ އިވެންޓެއްގެ ތެރެއިން އެމްއެންޔޫގެ ދަރިވަރުން ވަނީ ހައިޓީގެ މީލް ޕެކޭޖްތައް އާރްއާރްޓީ ޓީމާއި ހަވާލުކޮށްފައެވެ.

މި އިވެންޓާއި ގުޅޭގޮތުން ވާހަކަދައްކަމުން އެފްއެޗްޓީއެސްގެ ދަރިވަރު މަނާލް ޙުސައިން ވަނީ މި އިވެންޓަކީ އެ ދަރިވަރުންގެ 6 ވަނަ ސެމިސްޓަރގައި ކުރިއަށްގެންދާ "ފުޑް ސަރވިސް ކޮންސެޕްޓް ޑިވެލޮޕްމެންޓް" މޮޑިއުލްގެ އެސައިންމެންޓެއްގެ ގޮތުން ކުރިއަށްގެންދިޔަ އިވެންޓެއްކަމަށެވެ. އާންމުގޮތެއްގައި މި އިވެންޓް ކުރިއަށްގެންދަނީ ބޮޑެތި ސްޕޮންސަރުން ހޯދާ ބޮޑު ޙަފްލާއެއް ބާއްވާ އާމްދަނީ ހޯދާގޮތައްކަމުގައި ވީނަމަވެސް، މިހާރު ކުރިމަތިވެފައިވާ ކޯވިޑްގެ ޙާލަތުގެ ސަބަބުން ކޮންސެޕްޓް ބަދަލުކުރީކަމަށް މަނާލް ބުންޏެވެ.

އެގޮތުން ވަކި ވަކި ފަރާތްތަކުގެ އެހީއާއެކު ކޯވިޑްގެ ޙާލަތުގައި ކުރީ ސަފުގައި މަސައްކަތްކުރަމުންދާ ރެޕިޑް ރެސްޕޮންސް ޓީމްގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށް ޗެރިޓީ އިވެންޓެއްގޮތައް މިފަހަރުގެ އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެއްސީކަމަށް އޭނާ ބުންޏެވެ. މިފަހަރުގެ "ހައި ޓީ"ގައި މިފަދަ ކެއުމުގައި ހިމެނޭ ފޮނި އަދި ލޮނު ކާތަކެތި ހިމެނޭހެން 8 ބާވަތެއްގެ ތަކެތި ހިމެނޭނެކަމަށް މަނާލް ބުންޏެވެ.

"މިފަހަރުގެ މި ޓީގައި ހިމެނޭނެ 8 ބާވަތެއް. އެގޮތުން ޗިކަން މިނީ ބަރގާއަކާ، ޗީޒް ކޭކް، އައިސްޓީ ފަދަ ސްވީޓް އަދި ސޭވަރީ އައިޓަމްތައް ހިމެނޭ. އަޅުގަނޑުމެން ކޯވިޑްގެ ޙާލަތުގައި ކުރީ ސަފުގައި މަސައްކަތްކުރަމުންދާ ރެޕިޑް ރިސްޕޮންސް ޓީމްގެ ޚިދުމަތުގެ އަގުވަޒަންކުރާކަން މި އިވެންޓުން އަންގައިދޭން ބޭނުންވަނީ" މަނާލް ބުންޏެވެ.

އެފްއެޗްޓީއެސްގެ ބަދިގޭގައި ތައްޔާރުކުރި މިތަކެތި އާރްއާރްޓީ ޓީމާއި ހަވާލުކޮށްފައިވަނީ "ހިތްވަރު" އިވެންޓްގެ ނަމުގައި ދަރުބާރުގޭގައި އާރްއާރްޓީންނަށް ހާއްސަކޮށްފައިވާ ބިއްލޫރި މާލަމުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގެ ތެރޭންނެވެ. އެފްއެޗްޓީއެސްގެ ފަރާތުން އެރުވި ސަޔާއި ގުޅޭގޮތުން އާރްއާރްޓީގެ ބައެއް މެމްބަރުން ވަނީ ޕީއެސްއެމް ނިއުސްއާއި އެފަރާތްތަކުގެ އިޙްސާސްތައް ހިއްސާކޮށްފައެވެ. އެ ފަރާތްތަކުން ވަނީ މުޖުތަމައުގެ ލާބަޔާއި މަންފާއަށްޓަކައި ކޮށްދޭ މި ޚިދުމަތް ބަލައިގަންނަކަން އެނގުމުން ވަރަށް އުފާވާކަމަށް ބުނެފައެވެ.

އެފްއެޗްޓީއެސްގެ ހަވަނަ ސެމިސްޓަރގައި ކިޔަވާ 9 ދަރިވަރުންނާއި ދަރުމަވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ދެ ފަރާތެއްގެ އެހީތެރިކަމާއެކު ހައިޓީގެ 65 ޕެކޭޖް މިފަހަރު ވަނީ ތައްޔާރުކޮށްފައެވެ.