ޚަބަރު

ގަވާއިދާއި ޚިލާފަށް އުޅޭ 8500 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި


ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 8500 އަށްވުރެ ގިނަ މީހުން ފޮނުވާލެވިއްޖެކަމަށް މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒުން ހާމަކުރައްވަފިއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ 20 ހާސް ބިދޭސީން އަނބުރާ ފޮނުވާލުމަށެވެ.

މިނިސްޓްރީ އޮފް ފޮރިންއެފެއާޒާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިމިގްރޭޝަންއާއި ޤައުމީ އެއަރލައިން މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އަނބުރާ ޤައުމަށް ދާން ބޭނުންވެފައިތިބި މީހުންނާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 18 ހާހަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޤައުމަށް ފޮނުވާލެވިފައެވެ.

ކޯވިޑް-19އާއި ގުޅިގެން އަނބުރާ ޤައުމަށް ދާން ބޭނުންވި މީހުންގެ ތެރޭގައި އިންޑިއާ، ލަންކާ، ނޭޕާލް، ފިލިޕީންސް، ތައިލެންޑް އަދި އިންޑޮނޭޝިއާގެ ރައްޔިތުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގައި ތިބި ބަންގްލަދޭޝަށް ނިސްބަތްވާ މީހުންގެ ތެރެއިން ގަވާއިދާ ޚިލާފަށް ތިބި މީހުންގެ ތެރެއިން މިހާތަނަށް އަށްހާސް ފަސް ސަތޭކަ ސާޅީސް އެއް މީހަކު ފޮނުވާލެވިފައިވާކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއެވެ. ބަންގްލަދޭޝަށް ފޮނުވާފައިވާ މީހުންގެ ތެރެއިން އަނބުރާ ޤައުމަށް ދާން ބޭނުންވި މީހުންނާއެކު އެޤައުމަށް ފޮނުވި މީހުންގެ ޢަދަދު މިހާރުވަނީ ނުވަހާސް ތިރީސް ދޭކަށް އަރާފައެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި ތިބި މީހުންގެ ތެރެއިން އަނބުރާ ޤައުމަށް ދާން ބޭނުންވާ މީހުންނާއި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން އައި ބިދޭސީން ފޮނުވުމުގެ މަސައްކަތް ސަރުކާރުން ވަނީ ޤައުމުތަކުގެ ސަރުކާރުތަކާއި ގުޅިގެންނެވެ.

ރާއްޖެއިން ވަނީ ޤައުމުތައް ފުރަބަންދުގައި އޮތް ޙާލަތުގައިވެސް ރާއްޖޭގައި ތިބި މީހުން ފޮނުވުމުގެ މަސައްކަތް އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ޤައުމަށް ގެނައުމުގެ ބޮޑު އޮޕަރޭޝަނެއްވެސް ކުރިއަށް ގެންދަވާފައެވެ. އެހެންނަމަވެސް ޤައުމުތަކުގެ ބޯޑަރު ހުޅުވާލުމާއެކު ސަރުކާރުން މިހާރު ޤައުމަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި ތިބި މީހުންނެވެ.