ވިޔަފާރި

ދަނގެތީގެ ގެސްޓް ހައުސްތައް އަލުން ފަތުރުވެރިންނަށް ހުޅުވާލައިފި


ގެސްޓް ހައުސް ވިޔަފާރިކުރާ އދ. ދަނގެތީގެ ގެސްޓް ހައުސްތައް، ފަތުރުވެރިންނަށް އަލުން ހުޅުވާލައިފިއެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ގެސްޓްހައުސްތައް އަލުން އަންނަނީ ހުޅުވައި، ޙިދުމަތްދެމުންނެވެ.

ދަނގެތި އަލުން ފަތުރުވެރިންނަށް ހުޅުވާލާފައި ވަނީ އިއްޔެއެވެ. ފުރަތަމަ ފަތުރުވެރިންގެ ގްރޫޕްގައި އެރަށަށް އައިސްފައިވަނީ 2 ފަތުރުވެރިއެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ދަނގެތީ ކައުންސިލްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް އަލީ ވަހީދު އަބޫބަކުރު ވިދާޅުވީ، މިވަގުތު އެރަށުގައި ހުޅުވާފައި ހުރީ އެންމެ ގެސްޓް ހައުސްއެއްކަމަށެވެ. ނަމަވެސް މިމަހު އިތުރު 6 ތަނެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ކަންކަން ދަނގެތީގައި ކުރިއަށްދަނީ އެޗްޕީއޭއާއި ރަށު ފެންވަރުގައި އެކުލަވާލަފައިވާ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެމަތިންކަމަށް އޭނާ ވިދާޅުވިއެވެ. ގެސްޓްހައުސްތައް އަލުން ހުޅުވާލައި ޙިދުމަތްދިނުމަށް ރަށުގެ ޓާސްކްފޯސްއާއި ހެލްތް ސެންޓަރާއި، ގެސްޓްހައުސްތަކާއި، އާންމު ރައްޔިތުންގެ ފަރާތުން ކައުންސިލަށް އެއްބާރުލުން ލިބޭކަމަށް ދަނގެތި ކައުންސިލްއިން ވިދާޅުވެއެވެ.

ދަނގެތީގައި މުޅި ޖުމްލަ 8 ގެސްޓްހައުސްއެއް އަންނަނީ ހިންގަމުންނެވެ. ރާއްޖޭގެ 24 ރަށެއްގެ ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ދީފައެވެ.