ފާއިތުވި ދިހަވަރަކަށް އަހަރާ އަޅާބަލާއިރު ގަނޑުފެން ފަރުބަދަތައް ވިރި ކަނޑައިގެންދާ މިންވަރު އިންތިހާއަށް އިތުރުވެ، މުޅި ހިމާލަޔާ ސަރަޙައްދު ނާޒުކު ޙާލަތަކަށް ވެއްޓިފައިވާކަމަށް މި މަހު ޝާއިއުކުރި އިލްމީ ދިރާސާއަކުން ހާމަވެއްޖެއެވެ.
މެދުތެރޭގައި މި ސަރަޙައްދުން އެންމެ ގިނައިން ފެން ލިބޭނެ މިންވަރު ކަމުގައިވާ "ޕީކް ވޯޓަރ" އަށް ވާސިލުވުމަށްފަހު، ފެނުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ސަރަޙައްދީ ފެނުގެ ރައްކާތެރިކަމަށް ބޮޑު ހުރަހެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް މި ދިރާސާގައި ވަނީ ދީފައެވެ.
މި ހޯދުންތައް އާންމުކޮށްފައި މިވަނީ، މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ނޭޕާލާއި ޗައިނާގެ ޓިބެޓު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައިވާ ހިމާލަޔާގެ ގަނޑުފެންގަނޑެއް ވެއްޓި، ތިރީގައިވާ ވާދީތަކުގެ ބިންގަނޑު ކަނޑައިގެން ގޮސް ފެންބޮޑުވުމުގެ ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވަނިކޮށެވެ. އެ ހާދިސާގައި މަދުވެގެން 1,300 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، 5,300 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.
ދިރާސާއިން ދައްކާ ގޮތުގައި، ގަނޑުފެންގަނޑު ފަރުބަދަތައް ހަލުއިކަމާއެކު ވިރެމުންދާއިރު، އެ ތަންތަނުގައި އުފެދެމުންދަނީ ހަމައެކަނި ދޫކޮށް ހުންނަ ހިލަތަކާއި ގަނޑުފެނުން ބެދިފައިވާ ނުރައްކާތެރި ކުޅިތަކެކެވެ. މިއީ އެތައް މިލިއަން ރައްޔިތުންނެއް ދިރިއުޅެމުންދާ ވާދީތަކުގެ މަތީގައި އުފެދެމުން އަންނަ ވަރަށް ބޮޑު ނުރައްކަލެކެވެ.
"ހިމާލަޔަން ގްލޭޝިއަރސް އެންޑް ކްލައިމެޓް ރިސްކްސް" ގެ ނަމުގައި ޝާއިޢުކުރި މި ރިޕޯޓަކީ ސަސްޓެއިނަބިލިޓީ އެޑްވައިޒަރީ ފާމެއް ކަމަށްވާ "ސިސްޓެމިކް" އާއި، އައި.އެމް.އައި، އައި.ސީ.އައި.އެމް.އޯ.ޑީ، އިންޑިއާގެ ޖީ.ބީ. ޕަންތު އައި.އެން.އެޗް.އީ.އީ.، ސޭވް ދި އާތު 2026 އަދި މާންޓްރާގެ އިތުރުން މި ދާއިރާގެ ފުންނާބުއުސް ތަޖުރިބާކާރުން ގުޅިގެން އެކުލަވާލާފައިވާ ރިޕޯޓެކެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ދެތިން ގަރުނާ އަޅާބަލާއިރު ފަހަކަށް އައިސް ހިމާލަޔާގެ ގަނޑުފެން ފަރުބަދަތައް ވިރޭ މިންވަރު ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. ހިންދޫ ކުޝް-ހިމާލަޔާ ސަރަޙައްދުގައި ގާތްގަނޑަކަށް 40،000 ގަނޑުފެން ފަރުބަދަ ހުރިއިރު، އޭގެ ތެރެއިން ޤަވާޢިދުން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދަނީ އެންމެ 21 ގަނޑުފެން ފަރުބަދައެވެ.
އިންޑިއާގައި ހުރި ގަނޑުފެން ކުޅިތަކުގެ ތެރެއިން 200 އެއްހާ ކުޅިއަކީ ނުރައްކާ އޮތް ކުޅިތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 56 ކުޅިއެއް ހިމަނާފައިވަނީ "އިންތިހާއަށް ނުރައްކާ ބޮޑު" ގިންތީގައެވެ. މިއީ އެ ސަރަޙައްދުތަކުގެ ތިރީގައި ދިރިއުޅޭ އެތައް މިލިއަން އާންމުންގެ ފުރާނައަށް އޮތް ބޮޑު ބިރެކެވެ.
"ޕީކް ވޯޓަރ" އަށް ވާސިލުވުމަށްފަހު، ކާރުޚާނާތަކަށާއި ދަނޑުވެރިކަމަށް ބޭނުންވާ ފެން ކޯރުތަކުން އޮހޭ މިންވަރު ދަށްވާން ފެށުމުން، މުޅި ސަރަޙައްދުގެ އިޤްތިޞާދަށާއި ފެނުގެ ރައްކާތެރިކަމަށް ބޮޑެތި ލޮޅުންތަކެއް އަރާނެއެވެ.
އިންޑިއާގެ ޤައުމީ އުފެއްދުންތެރިކަން ނުވަތަ ޖީ.ޑީ.ޕީގެ 20 އިންސައްތައަށްވުރެ ބޮޑު ބައެއް ހިމާލަޔާގެ ގުދުރަތީ ވަޞީލަތްތަކަށް ބަރޯސާވާތީ، މިއީ އެ ޤައުމުގެ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީއާ ސީދާ ގުޅިފައިވާ ވަރަށް ނާޒުކު މައްސަލައެކެވެ.
އިންޑިއާގެ ޖުމްލަ ބިމުގެ 18 އިންސައްތަ ޙިއްސާކުރަނީ ހިމާލަޔާ ސަރަޙައްދު ކަމުގައި ވީނަމަވެސް، އެ ޤައުމުގައި ހިނގާ ގުދުރަތީ ކާރިސާތަކުގެ 35 އިންސައްތަ ހިނގަނީ މި ސަރަޙައްދުގައި ކަމަށް ވެސް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.