ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މަޤާމަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. މި ދެބޭފުޅުން އައްޔަން ކުރައްވާފައިވަނީ ވަޒީރުންގެ ފެންވަރުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޒީރުންގެ ފެންވަރުގައި އައްޔަން ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަޤާމަށާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށެވެ. އެގޮތުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަޤާމަށް، އައްޔަންކުރެއްވީ ގ. ފިނިވިލު، މުޙައްމަދު ޠަލާލްއެވެ. އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް، ގދ. ތިނަދޫ ޝިފާ، އަޙްމަދު ޙަބީބް އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަޤާމަށް ޢައްޔަންކުރެއްވި މުޙައްމަދު ޠަލާލް މީގެ ކުރިން ހުންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމުގައެވެ. މުޙައްމަދު ޠަލާލަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ޠަލާލް ވަނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރުގެ މަޤާމާއި އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމާއި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމާއި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ ކަމުގެ މަޤާމާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރައްވާފައެވެ. މީގެއިތުރުން ޠަލާލަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް ޢައްޔަންކުރެއްވި އަޙްމަދު ޙަބީބް މީގެ ކުރިން ހުންނެވީ ވިލާ އެއަރގެ ޖެނެރަލް މެނޭޖަރެއްގެ މަޤާމުގައެވެ. ޙަބީބް މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެއިތުރުން ވިލާ ހަކަތައިގެ މެނޭޖަރުގެ މަޤާމާއި ވިލާ އެއަރގެ ކާޑެއްދޫ އެއަރޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން ވަނީ ފުރުއްވާފައެވެ. އަޙްމަދު ޙަބީބް ވަނީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ޑިގްރީ ހާސިލުކުރައްވާފައެވެ.