ޚަބަރު

"ނޫސްވެރިކަމުގެ އެވޯޑް 2019" ޙަފްލާ މާދަމާ ރޭ


ގިނަ ހުށައެޅުންތަކާއިއެކު "ނޫސްވެރިކަމުގެ އެވޯޑް 2019" ޙަފްލާ މާދަމާރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ނޫސްވެރިކަމުގެ އެވޯޑަކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ އެވޯޑެކެވެ.

ކައުންސިލްގެ އެވޯޑު ކޮމިޓީއިން ވިދާޅުވީ ކޯވީޑް19ގެ ޙާލަތުގައިވެސް، މެދުކަނޑާނުލާ އެވޯޑް ދިނުން ކުރިއަށްގެންދިއުމަށް ނިންމީ، މި ޙާލަތުގައިވެސް އާއްމުންނަށް މަޢުލޫމާތު ގެނެސްދިނުމަށް ނޫސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށްކަމަށެވެ.

މިއަހަރުގެ އެވޯޑު ޕްރިންޓާއި ބްރޮޑްކާސްޓިންގ ހިމެނޭހެން 11ކެޓަގަރީއިން 19 ދާއިރާއަކުން ދިނުމަށްވަނީ ހަމަޖެހިފައެވެ. ދާއިރާތަކުގެ ތެރޭގައި ކުޅިވަރު، ވިޔަފާރި، އިޖުތިމާޢީ ދާއިރާފަދަ ދާއިރާތަކުން އެވޯޑްތައް ހިމެނެއެވެ. އަދި އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑްވެސް ދޭނެއެވެ. "ނޫސްވެރިކަމުގެ އެވޯޑް 2019"އަށް 54 ނޫސްވެރިއެއްގެ، 80 ހުށައެޅުންވަނީ ލިބިފައެވެ. އެންމެ ގިނަ ހުށައެޅުން ލިބިފައިވަނީ "ފީޗާ" ލިޔުމުގެ ދާއިރާއިންނެވެ. ފީޗާ އޮންލައިން ދާއިރާއިން 25ހުށައެޅުން، އަދި ފީޗާ ބްރޮޑްކާސްޓިންގްއިން 5 ހުށައެޅުންވަނީ ހުށައަޅާފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވީ ތަޙުޤީޤީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ އެވޯޑްތަކަށް ކުރިމަތިނުލާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެވޯޑް ޙަފްލާ އޮންނާނީ މާދަމާރޭ 09:00ގައެވެ. މި ޙަފްލާ ޓީވީއެމުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.