ރާއްޖެއިން މިއަދު އިތުރު 15 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 173 މީހުން ބަލިން ރަނގަޅުވެއްޖެެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އާދީއްތަ ދުވަހުގެ 18:00އިން ފެށިގެން ހޯމަ ދުވަހުގެ 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 14މީހުންނެވެ. އަދި ރިސޯޓްތަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13312އަށް އަރާފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިއަދުވެސް ކޯވިޑް-19އިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. އެގޮތުން މިއަދުވަނީ 173މީހުން ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 12437 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން 94.13 އިންސައްތަ މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ.
މިއަދު ގިނަ އަދަދެއްގެ މީހުން ބަލިން ރަނގަޅުވުމާއެކު އެކްޓިވް ކޭސްތަކުގެ ޢަދަދުވެސް މިވަނީ އެއްހާހުން ދަށްވެފައެވެ. އެގޮތުން މިހާރު މިބަލީގެ އެކްޓިވްކޭސްތަކުގެ އަދަދަކީ 722އެވެ. މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 70މީހުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1731 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް 257،648 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 47 މީހުން ވަނީ ނިޔާވެފައެވެ. އެއީ 39 ދިވެހިންނާއި، 8 ބިދޭސީންނެވެ.