ޚަބަރު

ކޮރަޕްޝަން ހުއްޓުވުމަށް ޤައުމީ ފެންވަރެއްގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ކޮންފަރެންސެއް


ކޮރަޕްޝަން ހުއްޓުވުމަށް ޤައުމީ ފެންވަރެއްގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ކޮންފަރެންސެއް އޭސީސީއާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ފަށައިފިއެވެ.

ޒޫމް މެދުވެރިކޮށް 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކޮންފަރެންސު ފަށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ މި ކޮންފަރެންސް ބޭއްވުމުގެ އެންމެބޮޑު މަޤުސަދަކީ މުޖުތަމައުގައި އޮތް ކޮރަޕްޝަންގެ އާޑަތަކަށް ޤައުމީ ފެންވަރެއްގައި ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލު ކުރުންކަމަށެވެ.

ކޮރަޕްޝަނަކީ މުޖުތަމައެއްގެ ގޮތުގައިވެސް އަދި ޤައުމީ ފެންވަރެއްގައިވެސް ގިނަ ބައެއްގެ މަސްލަހަތު ހިމެނޭ ކަމަކަށްވާއިރު، ކޮރަޕްޝަންގެ މައްސަލަތަކުގައި އިންސާފާއި ހަމައަށް ވާސިލްވުމަކީ މުހިންމު ކަމެއްކަމަށެވެ. ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކުން މިއަދު އެފަދަ އަމަލުތައް ހިންގަމުންދަނީ އެކަންކަން ހުއްޓުވަން ތިބޭ މީހުން ހުއްޓުވަން ކުރާ މަސައްކަތަށްވުރެ ދެގުނަ ކޮލިޓީކޮށް، އެކަން ދެނެތިބެކަމަށް ޝިއުނާ ވިދާޅުވިއެވެ.

މިކޮންފަރެންސުގައި މުޖުތަމައުގައި ހިންގޭ ތަފާތުއެކި ބާވަތްތަކުގެ ކޮރަޕްޝަންގެ އަމަލުތަކާއި، މައްސަލަތައް ދެނެގަނެ، އެކަންކަން ހުއްޓުވާނެ ގޮތާއި، އެފަދަ މައްސަލަތުގައި އަމަލު ކުރާނެ ގޮތް އެކި އިދާރާތަކުން ހިއްސާ ކުރުމަށް ހަމަޖެހިފައިވާކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި ޕްބްލިކް ޕްރޮކިއުމަންޓުގެ ނިޒާމާއި ގުޅޭ މުހިންމު ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަަޖެހިފައިވާކަމަށެވެ.

މި ކޮންފަރެންސުގައި ކޮރަޕްޝަން ރިޕޯޓު ކުރުމުގައި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ހާއްސަ ސެޝަނެއް، މިރޭ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަނުގައި ފޯކަސް ކުރާނީ ތަހުގީގީ ނޫސްވެރިކަމުގެ ތެރެއިންނާއި ކްރިޓިކަލް ރިޕޯޓިންގެ ތެރެއިން ކޮރަޕްޝަން ފަޅާއަރުވާލުމަށް ނޫސްވެރިން އަދާކުރާ ދައުރަށެވެ. އަދި ކޮރަޕްޝަން ރިޕޯޓްކުރުމުގައި ރާއްޖޭގައި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލާނެ އެވެ.