ޚަބަރު

ބ.އަތޮޅު ކައުންސިލާއި ބަޔޮސްފިއަރ ރިޒާވް ގުޅިގެން 6 މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަނީ


ބ.އަތޮޅު ކައުންސިލާ އެ އަތޮޅު ބަޔޯސްފިއަރ ރިޒާވްގެ ދަށުން އުފެދިފައިވާ ކޮންޒަވޭޝަން ފަންޑުގެ އެހީތެރިކަމާއެކު އަތޮޅުގެ 13 ރަށުގައި 2 ރޫމްގެ އެޕާޓްމަންޓްތަކެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއަށް 6 މިލިއަން ރުފިޔާ ޙަރަދުކުރުމަށް ވަނީ ނިންމާފައެެވެ.

މި މަސައްކަތަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ބ.އަތޮޅު ބަޔޯސްފިއަރ ރިޒާވްގެ ދަށުން އުފައްދާފައިވާ ކޮންޒަވޭޝަން ފަންޑުން 3 މިލިއަން ރުފިޔާ އަދި ބ.އަތޮޅު ކައުންސިލުން 3 މިލިއަން ރުފިޔާއެވެ. ބ.އަތޮޅުގެ 13 ރަށުގައި ހެދުމަށް ހަމަޖެހިފައިވާ ދެ ކޮޓަރި ހިމެނޭ ގެތަކުގެ ނަމުގެ ފަހަތަށް އަންނާނީ ބަޔޯސްފިއަރ ހިޔާއެވެ. މިސާލަކަށް "ގޮއިދޫ ބަޔޯސްފިއަރ ހިޔާ" މިހެންނެވެ.

ބ.އަތޮޅު ކައުންސިލްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، އޮންލައިންކޮށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ތިމާވެއްޓާއި ބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު ހަސަންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ބ.އަތޮޅަކީ ބަޔޯސްފިއަރ ރިޒާވްއަކަށްވުމުން ރައްޔިތުން ވީ ޤުރުބަނީގެ އަގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުން އަދި ފެންނަމުންދާތީ އުފާކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން މުސްތަޤުބަލުގައިވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިއަށް އޮތްއަހަރުތަކުގައި މިއަށްވުރެ ރަނގަޅަށް މެނޭޖްކޮށްގެން އަދި މިއަށްވުރެ ފައިދާހުރި ކަންތައްތައް ކުރެވޭނީ މިތަންތަން މިހާރަށްވުރެ ބޮޑަށް ބެލެހެއްޓިގެން. އަދި މިހާރު އެތަންތަން ބަލަހައްޓަމުން ގެންދަނީ ވަރަށްވެސް ރަނގަޅަށް އެކަމަށްޓަކައި ހަމަ ހުރިހާ ސްޓާފުންނަށް ހާއްސަ ޝުކުރެއް އަދާކުރަން. މިނިސްޓަރ ވިދާޅުވުއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބ.އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރު ވިދާޅުވީ، ބ.އަތޮޅު ބަޔޯސްފިއަރ ރިޒާވްގެ ޕާޓްނަރުންގެ ގޮތުގައި އެއްބަސްވުމެއް ހަދާފައިވަނީ ވަރަށް މަދު ރިސޯޓްތަކެއް ކަމަށާ، ހުރިހާ ރިސޯޓެއް ބައިރިވެއްޖެނަމަ މިއަށްވުރެ ބޮޑު އާމްދަނީއެއް މިފަންޑަށް ލިބޭނެކަމަށެވެ.

ބ.އަތޮޅަކީ ގުދުރަތީ ރީތި ވަސީލަތްތަކެއް ލިބިފައިވާ އަތޮޅެއްކަން ފާހަގަކުރަމުން މަބްރޫކް ވިދާޅުވީ، މުޅި ރާއްޖެއަށް ނަމޫނާ އެއްގޮތަށް މިހާތަނަށް ގުދުރަތީ ރީތިކަން ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓެމުން އަދި އޭގެ ފައިދާ ނެގެމުން އަންނަ އަތޮޅުކަން ފާހަގަކުރިއެވެ. އަދި މި އަތޮޅު ދުނިޔޭގެ މަޤްބޫލް މަންޒިލަކަށް ވެގެންދިއުމާ ގުޅިގެން އިގްތިސާދީ މަސައްކަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިކަން ފާހަގަކުރެވިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން މަތީފެންވަރުގެ ރިސޯޓްތަކެއް މި އަތޮޅުގައި ހުޅުވިގެން ދިޔަ، ފަތުރުވެރިކަން ކުރިއަރާގޮސް ގިނަ ރައްޔިތުންތަކަކަށް ވަޒީފާގެ ފުރުސަތުތަކެއް ލިބުނު، އަދި އެރިސޯޓްތަކުން ޕްރޮމޯޓް ކުރުމަށް ބޭނުން ކުރަނީ މި ސްލޯގަން، އަދި ހިތާމާ ކުރާ ކަމަކީ އަތޮޅުގެ ރައްޔިތުންގެ ލާބަޔާއި މަންފާ އިތުރުކުރުމަށް އުފައްދާފައިވާ ކޮންޒަވޭޝަން ފަންޑުގައި ގިނަ ރިސޯޓްތަކެއް ބައިވެރިނުވާކަން" މަބްރޫކް ވިދާޅުވިއެެވެ.

ބަޔޮސްފިއަރ ކޮންޒަވޭޝަން ފަންޑް އެކުލަވާލާފައިވަނީ 2012 ވަނަ އަހަރުއެވެ. މިފަންޑު އުފައްދާފައިވަނީ ރައްޔިތުންނަށް މީގެ ފައިދާ ކުރާނެ ގޮތަށް ކަންކަން ބައްޓަން ކުރުމުގެ ސިޔާސަތެއް އެކުލަވާލައި ރަށްރަށުގެ ޖަމްއިއްޔާ ޖަމާއަތްތަކަށާއި ކައުންސިލްތަކަށް އެރަށަކަށް ފައިދާ ކުރާނެ އަދި ކޮންމެހެން ބޭނުންވާނެ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ބެނުންވާ ފައިސާ ހޯދުމަށެވެ. އެގޮތުން ހިންގަން ބޭނުންވާ މަސައްކަތެއްގެ ޕްރޮޕޯސަލް ހުށައެޅުމުން، އެ ހުށައަޅާ ޕްރޮޕޯސަލްއެއް ދިރާސަކުރުމަށްފަހު 2015 ވަނަ އަހަރުވަނީ މި ފަންޑުން އެއްލައްކަ ރުފިޔާ ބ.އަތޮޅުގެ ރަށްތަކުގައި އުފެދިފައިވާ ޖަމްއިއްޔާ ތަކަށާއި ކައުންސިލްތަކަށް ދޫކޮށްފައެވެ.