ވިޔަފާރި

މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފި


ދިވެހިރާއްޖެ މެދުއިރުމަތީގައި އިޝްތިހާރުކުރުމަށްޓަކައި އެމްއެމްޕީއާރުސީއާއި އިންޑިއާގެ ޒޮމާޓޯ ގުޅިގެން ޑިޖިޓަލް ޕްރޮމޯޝަން ކެމްޕެއިނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ފެށި ކެމްޕެއިންއަކީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއިއެކު "ރީޑިސްކަވަރ މޯލްޑިވްސް...ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ނަމުގައި ކުރިޔަށްގެންދާ ކެމްޕެއިންގެ ތެރޭގައި ހިމެނޭ ޕްރޮމޯޝަންއެކެވެ.

މި ޕްރޮމޯޝަންގެ މަޤްސަދަކީ ޒޮމާޓޯގެ އޮންލައިން ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތައް މެދުވެރިކޮށް ޑިޖިޓަލް އަދި މީސް މީޑިއާގެ ވަސީލަތްތަކުން ދިވެހިރާއްޖޭގެ މައުލޫމާތު ފޯރުކޮށްދީ ރާއްޖެ އިޝްތިހާރުކުރުމެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 2 ހަފްތާއަށްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ޒޮމާޓޯގެ ޕްލެޓްފޯމްގެ "އޯޑަރ އެންޑް ވިން" ކެމްޕެއިނެއް މެދުވެރިކޮށް އެންމެ ގިނައިން އޯޑަރުކުރާ ފަރާތަކަށް ދިވެހި ރާއްޖެއަށް ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތުވެސް މި ކެމްޕެއިންގެ ތެރެއިން ވަނީ ހުޅުވާލާފައެވެ.

މީގެ 12 އަހަރު ކުރިން އިންޑިއާގެ ނިއުދިއްލީން އުފެދުނު ޒޮމާޓޯއަކީ ރެސްޓޯރެންޓްތަކާއި ގުޅިގެން ކާއެއްޗެހީގެ މަޢުލޫމާތު ފޯރުކޮށްދީ އަދި ޑެލިވަރީގެ ހިދުމަތް ދެމުންދާ ކުންފުންޏެކެވެ. މި ކުންފުންޏަކީ މެދުއިރުމަތީގެ ގައުމުތަކުގައި ވަރަށް މަޝްހޫރު ކުންފުންޏެކެވެ. އަދި މިހާރު ޒޮމާޓޯ އަކީ މި އުސޫލުން ކާބޯތަކެތި ވިއްކަމުންދާ ދުނިޔޭގައިވާ އެންމެ ބޮޑު އެއް ކުންފުންޏެވެ. މިގޮތުން ޒޮމާޓޯގެ ޕްލެޓްފޯމް 24 ގައުމެއްގަ އާއި 10000 އަށްވުރެ ގިނަ ސިޓީގައި 500000 އަށް ވުރެ ގިނަ ފަރާތަކުން ދަނީ ބޭނުން ކުރަމުންނެވެ. އަދި މި ޑިޖިޓަލް ކެމްޕެއިންއިން ފޯރުކޮށްދެވޭނެ ޖުމްލަ "އިމްޕްރެޝަންސް"ގެ އަދަދު 3.4 މިލިޔަނަށްވުނެ ގިނަވެގެން ދާނެކަމަށް އެމްއެމްޕީޢާރުސީން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުފަތުރު ކުރުމަށް އަލުން ހުޅުވާލެވިގެންދާއިރު ދިވެހިރާއްޖެ ޤުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮންނަ އޮތުން ވެގެން ދަނީ ކޯވިޑް-19ގެ ދުވަސްކޮޅުގައި ފަތުރުވެރިންނަށް ލިބިގެންދާނެ އިތުރު ރައްކާތެރިކަމަކަށެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އުޅުއްވާ ބޭފުޅުން އަދާކޮށްފައިވާ ބުރަ މަސްޢޫލިއްޔަތުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރާއްޖެއަށް ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ރަން ވަނަތަކެއް ލިބިފައެވެ. މި ވަނަތައްވެސް ވެގެން ދިޔައީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށް ފަތުރުވެރިންނަށް ހުޅުވައިލެވިގެންދާ އިތުރު ދޮރަކަށްކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.

މެދުއިރުމަތީގެ އެކި ހިސާބުތަކުގެ ބޯޑަރު އަލުން ހުޅުވާލައި ދިވެހިރާއްޖެއާއި އެގައުމުތަކާ ދެމެދު ސީދާ ދަތުރުތައް ފެށިފައިވާތީ މި ވަގުތު ޖީ.ސީ.ސީ އަދި ކޭ.އެސް.އޭ ރީޖަނުން ފަތުރުވެރިން ދިވެހިރާއްޖެއަށް ފަސޭހަކަމާއެކު ޒިޔާރަތްކުރުމުގެ މަގު ވަނީ ފަހިވެފައެވެ.

މެދުއިތުރުމަތިން ދިވެހިރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން އަންނަނީ ތަފާތު ކެމްޕެއިންތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެތެރޭގައި ޑިނާޓާ ޓްރެވަލް އަދި އެމިރޭޓްސް ވުމަން އަދި އަލްޙަލީޖިއްޔާއާއެކު ކުރިއަށްދާ މާކެޓިންގ ކެމްޕެއިންތައްވެސް ހިމެނެ އެވެ.

ދިވެހިރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ޔޫ.އޭ.އީން ވަނީ ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން ރައްޖެ ޒިޔާރަތްކުރާ ޤައުމުގެ ގޮތުގައި ހިމެނިފައެވެ. މި އަހަރުގެ މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް 22 މާކެޓެއްގައި 412 އަށް ވުރެ ގިނަ ހަރަކާތް ހިންގާފައެވެ. މީގެތެރެއިން 314 ހަރަކާތެއް އޮންލައިން އަދި އޮފްލައިންކޮށް ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑްގެ ކާރިސާގެ ތެރޭގައެވެ. އޭގެ ތެރޭގައި ފެއާތަކުގައި ބައިވެރިވުމާއި، ވެބިނާ، ފެމް ޓްރިޕްސް، އޮންލައިން ރޯޑް ޝޯ، އައުޓްޑޯ ކެމްޕެއިން އަދި ޑިޖިޓަލް ކެމްޕެއިންތައް ވެސް ހިމެނެއެވެ. މީގެ ތެރޭގައި ޗައިނާގައި ކުރިޔަށް ގެންދަމުންދާ އޮންލައިން ރޯޑް ޝޯގެ އިތުރުން ސީ.އެން.އެން އަދި ސްކައިސްކޭނަރއާއެކު ކުރިޔަށް ގެންދަމުންދާ ގްލޯބަލް ކެމްޕެއިންތައް ފާހަގަ ކޮށްލެވެއެވެ.

ދިވެހިރާއްޖޭގައި ތަޢާރަފް ކުރެވުނު ބޯޑަރ މައިލްސް ޕްރޮގްރާމް އަދި އެލައިޑް އިންޝުއަރެންސްއިން ތައާރަފް ކޮށްފައިވާ "އެލައިޑް އިންބައުންޑް" އިންޝުއަރެންސް އަކީ ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ލިބޭ އިތުރު ހިތްވަރެއްކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.