މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ އޮގަސްޓުމަހުގެ މާލީ ރިޕޯޓުގައިވާގޮތުން އެ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ވަނީ 7 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓުމަހު މުދަލު ޒަކާތުގެގޮތުގައި ލިބުނު 8 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 104،465،702 ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 82،163،911 ރުފިޔާގައެވެ. އެހެންކަމުން މިއީ %27 އިތުރު އަދަދެކެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އެގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހުން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، 19،266.10 ރުފިޔާ ކަމަށެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.