ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމުގެ ގޮތުން މާލެއާއި ދ. ކުޑަހުވަދޫއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
މި އައު ރޫޓުގައި ކޮންމެ ދުވަހަކު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާއިރު، އަދި ދަތުރުތައް ފެށުމުގެ މުނާސަބަތުގައި ޕްރޮމޯޝަނަލް އަގެއްގެ ގޮތުގައި ވަނީ 1,111 ރުފިޔާއަށް ޓިކެޓު ވިއްކުމަށް ހަމަޖައްސާފައެވެ. ކުޑަހުވަދޫއަށް ދަތުރުތައް ފެށުމާއެކު މޯލްޑިވިއަންއިން ދަތުރުކުރާ އެތެރޭގެ އެއާޕޯޓްތަކުގެ އަދަދު 18 އަށް އިތުރުވެގެންދާނެއެވެ. މިއީ އެއެއާލައިންގެ ކުރިއެރުމަށާއި، މުޅި ރާއްޖެއަށް އިތުބާރުހުރި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
މި ދަތުރުތަކުގެ ސަބަބުން ދ. އަތޮޅުގެ ރައްޔިތުންނަށް ޞިއްޙީ، ތަޢުލީމީ، ވިޔަފާރި އަދި ވަޒީފާގެ ބޭނުންތަކަށް މާލެއަށް ދަތުރުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ދެކެއެވެ. އަދި ދ. އަތޮޅުގައި ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއަށާއި ލޯކަލް ވިޔަފާރިތަކަށްވެސް މިކަމުގެ ސަބަބުން ބޮޑު މަންފާއެއް ކުރާނެއެވެ.
މި ދަތުރުތަކުގެ ޓިކެޓު ސެޕްޓެންބަރު 13 އިން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓާއި، މޮބައިލް އެޕްލިކޭޝަނާއި، ޓިކެޓިންގ އޮފީސްތަކުގެ އިތުރުން ސޭލްސް އޭޖެންޓުން މެދުވެރިކޮށް ލިބެން ހުންނާނެއެވެ. މޯލްޑިވިއަންގެ ފްލީޓުގައި 25 މަތިންދާބޯޓު ހިމެނެއެވެ. އެ އެއާލައިނުންދަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންޑިއާ އަދި ޗައިނާ ފަދަ ޤައުމުތަކަށް އިންޓަރނޭޝަނަލް ދަތުރުތައްވެސް ކުރަމުންނެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރަމުންދާއިރު، އެ އެއެއާލައިންގެ މައިގަނޑު އަމާޒަކީ މުޖުތަމަޢުތައް ގުޅުވައިދީ، ސަރަޙައްދީ ތަރައްޤީއަށް އެއްބާރުލުންދީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުންކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.