ޚަބަރު

ކޯވިޑް-19 : އޭދަފުށީގައި ހޯމް ކަރަންޓީގައި ތިބި 2 މީހަކު ޕޮޒިޓިވްވެއްޖެ


ބ.އޭދަފުށިން ހޯމް ކަރަޓީނުގައި ތިބި 2 މީހަކު ކޯވިޑް 19 އަށް ޕޮޒިިވްވެއްޖެއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ ޕޮޒިޓިވްވި 2 މީހުންނަކީ މާލެއިން އެރަށް ދިޔަ ދެމީހުންކަަމަށާއި، މިމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ކަރަންޓީން މުއްދަތުގެ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ހެދި ޓެސްޓުން ނަތިޖާއިންކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭދަފުށިން ޕޮޒިޓިވް ވެފައިވަނީ ދެ މަފިރިންނެވެ. އެ ދެމަފިރިން މާލެއިން ހޯމް ކަރަންޓީނަށް އައިއިރު އެއްމަސްވެފައިވާ ތުއްތު ކުއްޖަކުވެސް އެބައޮތެވެ. ބ.އަތޮޅު ހޮސްޕިޓަލުން ބުނީ އެކުޑަކުއްޖާގެ ފަރާތުން އަދި އެއްވެސް އަލާމާތެއް ނުފެންނަކަމަށާ، އެކުއްޖާގެ ހާލު ކޮންމެ ދުވަހަކު ވަރަށް ގާތުން ބަލަމުން ދާނެކަމަށެވެ.

އޭދަފުށިން އަލަށް ޕޮޒިޓިވްވި 2 މީހުންނާއެކު މިހާތަނަށް ހޯމް ކަރަންޓީނަށް އޭދަފުއްޓަށް ދިޔަ މީހުންގެ ތެރެއިން 14 މީހަކު ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އަދި މި 2 މީހުން ފިޔަވައި އެހެން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭއިން މަޢުލޫމާތުދެއްވާ ގޮތުގައި ހޯމް ކަރަންޓީނަށް އެކި ރަށްރަށަށް ދާ މީހުންގެ ތެރެއިން 200 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވެފައެވެ.