ބ.އަތޮޅުގައި ޗުއްޓީ ހޭދަކޮށްލުމަށް އޮތް އެންމެ ހިތްގާއިމު އެއްރަށަކީ ކޮބާހޭ އަހަފިނަމަ ކޮންމެ މީހަކުވެސް ބުނާނީ އެއަތޮޅުގެ އުތުރުން އޮންނަ ފުޅަދޫ ވާހަކައެވެ. ދުލުން ސިފަކޮށްނުދެވޭހާ ގުދުރަތީ ރީތިކަމެއް ލިބިފައިވާ މި ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލަފާ ފުރޭނެ އަދި ވަދެ ނުކުމެވޭނެ ގޮތެއް ނެތުމެވެ. ފުޅަދޫގައި ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް އޮތް ގޮންޖެހުން ބަނދަރާއެކީ ހައްލު ލިބިގެންދާނެކަމަށް އެރަށު ކައުންސިލުން ގަބޫލުކުރެވެ.
14 މޭލުގެ ބޮޑު ފަޅެއްގައި އޮންނަ ގޮއިދޫ ފެހެންދޫ އެކޭ އެއްގޮތަށް ފުޅަދޫއަކީވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ބ.އަތޮޅުގައި ކުރިއަރާފައިވާ އަދި އިންވެސްޓްކުރަން އެތައްބަޔަކު ބޭނުންވާ ރަށެކެވެ. ގުދުރަތީ ގޮތުން ހިތްގައިމުކަމެއް ލިބިފައިވާ ޖަޒީރާ ވަންތަކަމެއް ފެންނަ މި ތިން ރަށުގެ ތެރެއިން ހަމައެކަނި ބަނދަރެއް އޮންނަނީ ގޮއިދޫގައެވެ. ފުޅަދޫ މީހުން ދިރިއުޅުމަށް ބޭނުންކުރާ ހުރިހާ މުދަލެއް ގެނެސް ބާލަނީވެސް ގޮއިދޫ ބަނދަރަށެވެ. އަދި އެމީހުން ވަދެ ނުކުމެ ހަދާ ދޮރާއްޓެވެ. މާލެ ދަތުރުކުރާ ބޯޓުފަހަރު، ލޯންޗް އަދި އަތޮޅު ފެރީވެސް ފުޅަދޫއަށް ކައިރިއެއް ނުކުރެއެވެ.
ފުޅަދޫއަށް އަންނަ ފަތުރުވެރިޔާވެސް އެންމެ ފުރަތަމަ ފައިބަން ޖެހެނީ ގޮއިދޫ ބަނދަރަށެވެ. އެއަށް ފަހު އެމީހުން ފުޅަދޫއަށް ގެންދަނީ ކުދި ޑިންގީތަކުގައެވެ. ސާފުރީތި ތިލަ ފަޅުތެރެއިން ޑިންގީއެއްގައި ދުއްވާލުން އެއީ ފަތުރުވެރިން ބޭނުންވާ ޝައުގުން ފުރިގެންވާކަމަކަށް ވެދާނެއެވެ. އެކަމަކު ރައްޔިތުންގެ މާލީ ތަނަވަސްކަމާ ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް އޮތް ގޮންޖެހުމަކީ ލަފާ ފުރޭނެ ބަނދަރެއް ނެތުމެވެ.
ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ރާއްޖޭގައި ފުޅާވެގެން ދިޔަދުވަސްވަރު 2012 ވަނަ އަހަރުގެ ފަހުކޮޅު މި ވިޔަފާރި މިރަށުގައި ފެށީ 6 އެނދާއެކުއެވެ. އެކަމަކު މިއަދު 70 އެނދު އެބަހުއްޓެވެ. މި ވިޔަފާރި ފެށިތާ 8 އަހަރު ވެގެން ދިޔައިރު މިހާމަޤްބޫލް ތަނަކަށް އިންވެސްޓްނުކޮށް އޮތީ ކީއްވެބާއޭ؟ ކައުންސިލުން މި ވިޔަފާރި ފުޅާ ކުރުމަށް މަސައްކަތަކެއް ނުކުރަނީ ބާއޭ؟ މިހުރިހާ ސުވާލަކަށްވެސް އޮތް ޖަވާބަކީ ބަނދަރުގެ ދަތިކަމެވެ. ރަށަށް މުދާ ހިފައިގެން އަންނަ ބޯޓްފަހަރަށް ކައިރި ނުކުރެވުމެވެ. ދިޔަވަރު ހިކޭ ދުވަސްވަރެއްނަމަ އެރަށު ފާލަމަށް ކައިރިކޮށް މުދާ ބޭލުމަށް ދަތިތަކެއް ހުރުމުންނެވެ.
2017 ވަނައަހަރު ކެނެޑާގެ އެންމެ ބޮޑު ޓްރެވަލް ކުންފުނި، ފްލައިޓްނެޓްވޯކް އިން ހޮވި ދުނިޔޭގެ އެންމެ ފުރިހަމަ 50 ބީޗުގެ ތެރޭގައި ބ. ފުޅަދޫ ބީޗު ހިމެނިގެން ދިއުމުން ރަށުގެ މަޤްބޫލުކަން އިންވެސްޓަރުންގެ މެދުގައި އިތުރުވެގެންގޮސް އެރަށް ބަލާލުމަށް އެތައް ވިޔަފާރިވެރިންނެއް ދިޔަކަމަށް އެރަށު މީހުން ބުނެއެވެ. އެހެން ނަމަވެސް އެމީހުން މަސައްކަތްކުރުމަށް ފަސް ޖެހެނީ ކުރަން ޖެހޭ ހޭދަ ބޮޑުވާތީކަމަށް ރައްޔިތުން ބުނެއެވެ.
"އެއީ ހުރިހާ އެންމެވެސް މިތަނަށް އިންވެސްޓްކުރަން ބޭނުން ނުވާ ސަބަބަކީ، މިސާލަކަށް ސިމެންތި ބަސްތާއެއް މާލެއިން ގަނެގެން ގެނަސް ގޮއިދޫ ބަނދަރަށް ބާލާ އަގަކީ 140 ރުފިޔާކަމަށްވާނަމަ، ފުޅަދޫއާ ހަމައަށް މި ސިމެންތި ބަސްތާ ގެނައުމަށް 340 ރުފިޔާ ޙަރަދުވާނެ. އެއީ އެރަށަށް ދާންޖެހެނީ ޑިންގީއެއް 200 ރުފިޔާއަށް ކުއްޔަނަގައިގެންކަމަށްވާތީ" އެރަށުން ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް މީހުންބުންޏެވެ
ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ވިސްނުން ކައުންސިލުން އަބަދުވެސް ގެންގުޅޭކަމަށާ، އެކަން ކުރެވެންނެތީ މިދެންނެވި ސަބަބާއި ހުރެއެވެ. މިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ސަރުކާރުން އެރަށަށް ވަދެނުކުމެވޭނެ ގޮތަށް ނެރުކަނޑައި ބަނދަރެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ބަނދަރު ހެދުމަށް ފަޅު ފުންކޮށް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ، ބަނދަރުގެ އެއްގަމު ތޮށީގަ ގާއެތުރުމުގެ މަސައްކަތެވެ. އެރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލީ އަޒްހަރު ވިދާޅުވީ ބަނދަރާ އެކީ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާވެގެން ދާނެކަމަށް ޝައްކު ނުކުރާކަމަށެވެ.
"އެއީ މިތާ ފަތުރުވެރިން ބޭނުންވާ ހުރިހާކަމެއް އެބައޮތް. އެހެން ވީމަ ފަތުރުވެރިންނަށް މި ތަނަށް ފަސޭހައިން އާދެވޭނަމަ އިތުރު އިންވެސްޓައް ނާންނަންވީ އެއްވެސް ސަބަބެއްނެތް. ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކައުންސިލުން އެބަކުރަން މިވިޔަފާރި ފުޅާކުރުމަށް، އެއީ ރަށުގެ އިޤްތިސާދު ބަރޯސާވެފަ މިހާރު މިއޮތީމިކަމަށް ކަމަށްވާތީ ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރެވޭނީ މިކަން ފުޅާކޮށްގެން އަދި މިކަން ފުޅާވެގެންގޮސް މި ވިޔަފާރީގައި ކުރިއަރާފައިވާ ރައްތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތު ކުރެވޭނެކަމަށް ޝައްކެއްވެސް ނުކުރަން" މަދު މީސްކޮޅެއް ދިރިއުޅެމުންދާ ފުޅަދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލީ އަޒްޙަރު ވިދާޅުވިއެވެ.
ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އާބާދީ ކުދި ރަށްތަކަށް ތަފާތުކުރުމެއް ނުގެންގުޅޭކަން މިރަށަށް ބަލާލުމުންވެސް ހާމަވެގެންދެއެވެ. ބަނދަރު ހަދާ، އިތުރު އިންވެސްޓަރުން އައިސް، ރަށުގައި ގެސްޓްހައުސްތައް ހުޅުވުމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ. އަދި ސަރުކާރުން މިހިންގާ މަޝްރޫއުގެ ސަބަބުން އެރަށު މީހުންނަށް ދިމާވެފައި އޮތް ލަފާފުރުމުގެ ދަތިކަމަށް ނިމުމެއް އައިސް ތިލަ ފަޅުން ރަށަށް ކައިރިކޮށް ފަތުރުވެރިން ދޭހާ އަތްވެއްގައި، ވެހޭހާ ވާރޭގައި، ވިއްސާހާ ލޮނެއްގައި ކުދި ޑިންގީ ތަކުގައި ރަށަށް ގެންދިޔަ ޒަމާން މާޒީވެގެންދާނެއެވެ.