ޚަބަރު

ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހައްދުންމަތީގެ ދެ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާފައި ވަނީ ކައްދޫއާއި ގަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކައްދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި ޤާއިމުކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ސެންޓްރަލް އޭރިއާގެ މަރުކަޒަށް ޒިޔާރަތްކުރައްވާ، ސިފައިންގެ އަސްކަރީ ތަމްރީނުގެ ޑެމޮންސްޓްރޭޝަންއެއް ބައްލަވައިލެއްވިއެވެ. ބުރާސްފަތި ދުވަހު ކައްދޫގައި ބޭއްވި މި ޑެމޮންސްޓްރޭޝަންއަކީ ހުސްވި ނޮވެންބަރު މަހުގެ 16 އިން ފެށިގެން ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެމް.އެން.ޑީ.އެފް ގެ އަސްކަރީ ތަމްރީނުތަކުގައި ސިފައިން ހޯދާފައިވާ ހެވިކަމުގެ ހުނަރުތައް ދައްކާލުމަށް ކުރިއަށްގެންދިޔަ ޑެމޮންސްޓްރޭޝަންއެކެވެ.

ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ދެވަނައަށް ވަޑައިގެންނެވީ ގަމަށެވެ. އެ ރަށަށް ވަޑައިގަންނަވާ އެ މަނިކުފާނު ވަނީ ސަރުކާރުން ކުރިއަށްގެންދިޔަ ތިން މަޝްރޫޢެއްގެ ނިމުން ފާހަގަކުރައްވައި، އެ ތިން ތަނުގެ ޚިދުމަތް ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވާފައެވެ. އެއީ ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީ.ޓީ. ސްކޭންގެ ޚިދުމަތާއި، ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅައިލުމާއި، އަދި ގަމުގައި އަލަށް ޢިމާރާތްކޮށްފައިވާ ގަމު ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު ހުޅުވުމެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ގަމުގައި އަލަށް ބިނާކޮށްފައިވާ މަރުކަޒީ އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އެތަން ވެސް ބައްލަވައިލައްވާފައެވެ.