ޚަބަރު

ގަމު ތަރައްޤީއަށް އެންމެ ބޮޑު ހޭދައެއްކުރަނީ މިސަރުކާރުން: ވިސާމް


އަންނަ އަހަރުގެ ބަޖެޓްގައި ހައްދުންމަތީ ގަމުގައި ކެންސަރު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ހިމަނާފައި އޮތް އޮތުމަކީ މިހާތަނަށް ސަރުކާރަކުން އެރަށުގެ ތަރައްޤީއަށްކުރާ އެންމެ ބޮޑު ހޭދަކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ގަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހިންގި 3 މަޝްރޫޢުއެއްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމް ވިދާޅުވީ، ގަމު ދާއިރާއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އެއް މައްސަލައަކީ ކަރަންޓުގެ މައްސަލަކަމަށެވެ. އަދި އެރަށަކީ ރާއްޖޭގައި މިހާތަނަށް އެއްރަށެއްގައި ތިން އިންޖީނުގެ ހިންގި ހަމައެކަނި ރަށްކަމަށާއި، އެމައްސަލަ ހައްލުކުރުމަށް މިހާތަނަށް ހުރިހާ ސަރުކާރުތަކުންވެސް ދެއްކީ ބަހަނާތަކެއްކަމަށް ވިސާމް ވިދާޅުވިއެވެ. ނަމަވެސް ކަރަންޓުގެ މައްސަލަ ހައްލުކޮށް އެއްވިއުގައަކުން ގުޅާލުމަށް ވަޢުދުވެވަޑައިގެންނެވީ ހަމައެކަނި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްކަމަށް ވިސާމް ފާހަގަކުރެއްވިއެވެ.

"މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގަމަށް އަޅުގަނޑުމެންނަާއެކު މިޖަލްސާގައި ބައިވެރިވެވަޑައިގަންވަން އެއިންނެވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގަ މިރަށަށް ވަޑައިގެން ގަމުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވެވަޑައިގެންނެވި ވަޢުދު ރަނުން ރަނަށް ފުއްދަވާފަ."

މިސަރުކާރުގެ ސިއްޙީ ނިޒާމުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ވިސާމް ވިދާޅުވީ، ރާއްޖޭގެ 5 ސަރަހައްދެއްގައި ތަރައްޤީކުރުމަށް މިސަރުކާރުން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްތަކަކީ ސަރަހައްދީ ތަރައްޤީއަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ. އަދި ސަރަހައްދީ ތަރައްޤީއަށް ފުރުޞަތުދީގެން މެނުވީ އަތޮޅުތައް ތަރައްޤީ ނުކުރެވޭނެކަމަށާއި، ސަރަހައްދީ ތަރައްޤީ ގެނެވޭނީ ބިންބޮޑެތި ރަށްތައް ތަރައްޤީކޮށްގެންކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

މިސަރުކާރުގެ ލާމަރުކަޒީ ސިޔާސަތު ހަގީގީ މާނާގައި ޙާސިލުވަމުން އަންނަކަން ފާހަގަކުރައްވަމުން ވިސާމް ވިދާޅުވީ، ޖަޒީރާ ސިއްހީ ނިޒާމްގެ ހަގީގީ ބާނީއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްކަމަށެވެ. އޭނާ ވިދާޅުވީ އަންނަ އަހަރު ގަމުގައި ކެންސަރު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ބަޖެޓްގައި ހިމަނާފައިވުމަކީ އެރަށުގެ ތަރައްޤީއަށް ހުޅުވޭ އައު ޞަފްހާތަކެއްކަމަށާއި، އެ މަޝްރޫޢުއާއެކު މިއީ މިހާތަނަށް ސަރުކާރަކުން ގަމު ދާއިރާއަށް ކުރާ އެންމެ ބޮޑު ހޭދަކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

ފަސް ހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުން އަންނަ ގަމަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށްކަން ފާހަގަކުރައްވަމުން ވިސާމް ވިދާޅުވީ އެރަށް ތަރައްޤީގެ ޞަފްހާތަކުން މީގެ ކުރިން އޮތީ ބާކީވެފައިކަމަށާއި، ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ތަރައްްޤީގެ ޗާޓުން އެރަށް ބޭރު ނުކުރާނެކަން މިހާރު ޔަޤީންކުރެވިފައިވާކަމަށެވެ.

"2021 ވަނަ އަހަރުގެ ބަޖެޓްގައި އެވަނީ ގަމު ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ހިމަނާފަ. މިއީ ރައީސް ޞާލިޙްގެ ދުރުވިސްނުމުގެ ސިޔާސަތުގެ ދަށުން މި ބިންބޮޑު ގަމުގެ ތަރައްޤީއަށް ހުޅުވޭ މުޅިން އައު ޞަފްހާއެއް. މިއީ ސަރުކާރަކުން ހައްދުންމަތީގެ ގަމަށް މިހާބޮޑު ހޭދައެއް ކުރުމަށް ބަޖެޓުގައި ހިމެނި ފުރަތަމަ ފަހަރު. އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާއެކު އެދެން ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ވީ އެންމެ އަވަހަށް ފަށްޓަވައިދެއްވާ މިގަމުގަ އެ ކެނސަރު ހޮސްޕިޓަލް ޤާއިމްކޮށްދިނުމަށް." ވިސާމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ގަމުގައި ކެންސަރު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ވަނީ 98 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައެވެ.

ވިސާމާ ވިދާޅުވި ގަން ތަރައްޤީ ކުރަން ބޭނުންފުޅުވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ހިއްސާއާއެކުކަމަށެވެ. އެރަށު ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް ބޭނުން ވަނީ ބޯހިޔާވަހިކަންކަމަށާއި، އެކަން މިސަރުކާރުން ފުއްދައިދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ކައްދޫ އެއަރޕޯޓް އިންޓަރނޭޝަންލް ކުރާނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން ތިބިކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

ގަމުގައި އިއްޔެ ނިމުން ފާހަގަކުރި ތިން މަޝްރޫޢުއަކީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމާއި، ގަމު ކަރަންޓް އެއްވިއުގައަކުން ގުޅުވާލުމާއި، އެރަށުގައި ތަރައްޤީކުރި ޒޯން ސްޓޭޑިއަމް ހުޅުވުމެވެ.