ޚަބަރު

އ.ދ ވަރކިންގ ގްރޫޕުން މައްސަލަ ބެލީ ރަނގަޅަކަށް ނޫން- ސަރުކާރު


ރައީސް ނަޝީދުގެ މައްސަލައިގައި އދގެ ވަރކިންގ ގްރޫޕުން ގޮތެއް ނިންމެވީ ރިޢާޔަތް ކުރަންޖެހޭ ވަރަށް މުހިއްމު ކަންތައްތަކަށް ރިޢާޔަތް ނުކޮށް ކަމުން މިނިންމެވުމާމެދު ހިތާމަކުރާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ވަރކިންގ ގްރޫޕްގެ ނިންމެވުމާ ގުޅިގެން ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގެ ފަރާތުން އެކިއެކި މީޑީއާތަކުގައި ދައްކާފައިވާ ވާހަކަތަކުގައި ރައީސް ނަޝީދުގެ އެއްވެސް ކުށެއް ނެތްކަން ދެއްކުމަށް މަސައްކަތް ކޮށްފައިވާކަމަށާއި، އެހެން ނަމަވެސް ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަބްދުﷲ މުހައްމަދު، ރައީސް ނަޝީދުގެ ވެރިކަމުގައި ޤާނޫނާ ޚިލާފަށް ހައްޔަރުކުރިކަން އެއީ އެނގެން އޮތް ހަޤީޤަތެއްކަމަށް ފޮރިން މިިނިސްޓްރީން ނެރުއްވި ބަޔާނުގައިވެއެވެ.މިމައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ވަރަށް ހަރުދަނާ ކަމަށާއި، މިމައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އަދިވެސް ރައީސް ނަޝީދަށް ލިބިފައިވާކަމަށާއި، އެފުރުސަތުގެ ބޭނުން ކުރުމަށް ތަކުރާރުކޮށް ގޮވާލާކަމަށް މިބަޔާނުގައި ސަރުކާރުން ވިދާޅުވެފައިވެއެވެ. އދގެ ނިންމުންތަކަށް ސަރުކާރުން އަބަދުވެސް އިހްތިރާމު ކުރާކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ ޝަރުޢީ ދާއިރާ ތެރޭގައި ހިނގަމުންދާ މައްސަލައެއްގައި ސަރުކާރުން ވަކި ގޮތެއް ނިންމެވުމަށް ކޯޓުތަކަކަށް އެންގޭކަށް ނޯންނާނޭކަމަށްވެސް މިބަޔާނުގައިވެއެވެ. ރައީސް ނަޝީދަކީ ސިޔާސީ ކުށްވެރިއެއް ނޫންކަމަށާއި، އެހެން ނަމަވެސް ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ބޭރުގެ މީޑިއާތަކުގައި ތަކުރާރުކޮށް ރައީސް ނަޝީދަކީ ސިޔާސީ ކުށްވެރިއެއް ކަމަށް ދެއްކުމަށް މަސައްކަތް ކުރަމުންދާތީ އެކަން ކުށްވެރިކުރާކަމަށްވެސް މިބަޔާނުގައިވެއެވެ.މީގެ އިތުރުން ވަރކިންގ ގްރޫޕުގެ ނިންމުމާއި އެއްގޮތަށް އަމަލުނުކޮށްފިނަމަ ރާއްޖެއާއި މެދު ފިޔަވަޅު އަޅާނެކަމަށް ބުނެ ބިރުދެއްކުމަކީ ބަލައިގަނެވޭނޭކަމެއް ނޫންކަމަށާއި، ރާއްޖެ ފަދަ ޓުއަރިޒަމަށް ބަރޯސާވެފައިވާ ޤައުމެއްގެ ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލުމަކީ ރާއްޖޭގައި ބުރަ މަސައްކަތްކުރާ ދިވެހިރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަމަށްވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ.