ޚަބަރު

ގެއްލިގެންދާ ފުރާނަތަނަކަށްވުރެ ޖޫރިމަނާގެ އަގު ބޮޑުވީތަ؟


މި ނިމިދިޔަ ހަފްތާގައި ސޯސަލް މީޑިއާގައި އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ވާހަކައެވެ. މިވާހަކަ ނުދައްކަންވީ ސަބަބެއް ނެތެވެ. ހަމަ ދައްކަންވީއެވެ. އެހެންނަމަވެސް ކޮންމެ ކަމެއް ސިޔާސީ ވިސްނުމަކުން ނުވިސްނާ ފުންކޮށް އޭގެ އަސްލާއި މެދު ވިސްނާލަން ވަގުތުކޮޅެއް ހުސްކޮށްލުން ހަމަ ރަނގަޅުވާނެއެވެ.

ޤާނޫނަށް ގެނައި އިސްލާހުތަކާއި އެކު ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔާ މީހުންގެ ވާހަކައަކަށްވީ އެންމެ ވާހަކައެކެވެ. އެ މީހުން ބުނަމުން ދިޔައީ މީ ސަރުކާރުން އާމުދަނީ ހޯދަން ކުރާކަމެއްކަމަށެވެ. މިވާހަތަކުގައި އެކިސަރުކާރުތައް ހިންގުމުގައި އިސްކޮށް އުޅުނު ބައެއް މީހުންނާއި ޤާނުނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރުންވެސް ވަކި ތަފާތެއް ނެތެވެ. އެހެންނަމަވެސް މި އެންމެނަށްވެސް ނުފެނު ބޮޑު މަންޒަރަކީ އައި ބަދަލާއި ކުރީގެ ނަމްބަރުތަކެވެ. ކުށްކުރީމަ ދޭން ނިންމި އަދަބު ގޯސް ނަމަ ފުލުހުންގެ މި ނަމްބަރުތައް ބަލާލުން ކިހިނެއް ހެއްޔެވެ.

ބާރު ސްޕީޑު، އެތައް މަރެއް

މީޑިއާތަކުގެ ސުރުހީތަކަށް ބަލާލުމުން އެކްސިޑެންޓެއްގެ ޚަބަރު ނެތް ދުވަހެއް މަދުވާނެއެވެ. މިކަން އެންމެ ބޮޑަށް ފެންނަނީ ފުލުހުންގެ މި ހިސާބުތަކުންނެވެ. މިއަހަރުގެ ޖެނުއަރީން އޮކްޓޫބަރަށް ވެރިރަށް މާލޭގައި ހިނގި އެކްސިޑެންޓްގެ އަދަދު އުޅެނީ 700 ވުރެ މަތީގައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖުކޮށް ބަލާނަމަ 100އަށްވުރެ ގިނަ އެކްސިޑެންޓެވެ. 7 ކިލޯމީޓަރުވެސް ހަމަނުވާ މި ކުޑަކުޑަ މާލެއަށް ބަލާއިރު މި އަދަދު މަދު ހެއްޔެވެ. ހަމަ ކަންބޮޑުވާން ނުޖެހޭ ބާވައެވެ. 2019 ވަނަ އަހަރު މިއަދަދު ހުރީ 2000 މަތީގައެވެ.

މީގެތެރެއިން ބައެއް އެކްސިޑެންޓްތަކުގައި އެތައް ބަޔަކު ވަނީ އެމީހުންގެ އަައިލާތަކާއި ވަކިވެގެން ގޮސްފައެވެ. ޒުވާނުންނާއި ދުވަސްވީ މީހުންވެސް މެއެވެ. ކޮންމެވެސް މީހެއްގެ ލޯބިވާ ދަރިއެއް ފިރިއެއް ނޫނީ އަންބެކެވެ. އާއިލާއެއް ބަލަހައްޓަމުން އައި ބައްޕައެއް ނުވަތަ މަންމައެކެވެ.

މާ ދުރަށް ދާކަށް ނުޖެހެއެވެ. މިދިޔަ މަހުގެ 29 ވަނަދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފުރާނަ ގެއްލިގެންދިޔައީ 24 އަހަރުގެ ޒުވާން އަންހެން ކުއްޖެއްގެއެވެ. ކައިވެންޏަށް ތައްޔާރުވަމުން އައި މި ޒުވާނާގެ ފުރާނަ ގެއްލުނު ހާދިސާގަައި ސައިކަލް ދުއްވަން އިން 24 އަހަރުގެ ޒުވާނާ އަތުގައި ލައިސަންސެއް ނެތެވެ.

އޭގެ ފަނަރަދުވަސް ކުރިޔަށް ޖެހިލާއިރު އަނެއްކާވެސް އެކްސިޑެންޓެއްގައި ޒުވާނެއްގެ މަރެވެ. އޮކްޓޫބަރު މަހު 29ގައި ލ އަތޮޅު ލިންކު ރޯޑުގައި ހިންގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވެ ފަރުވާދެމުން ދަނިކޮށް މަރުވީ އުމުރުން 29 އަހަރުގެ ޒުވާނެކެވެ. މި ޒުވާނާ މަރުވި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި އަންނަނިކޮށް މަގުމަތީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެންނެވެ.

މިދިޔަ މަހު ގދ.ތިނަދޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކަށްވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. ސިނަމާލެ ބްރިޖުގެ ހައިވޭއަކީ ވަކި ވަރަކަށް ބާރަށް ދުއްވުމުގެ ހުއްދަ އޮންނަ މަގަކަށްވިޔަސް އެ ސްޕީޑަށް ވުރެ ބާރުވެ ނުރައްކާތެރި އެތައް އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އެންމެ ދެކުނުން އައްޑޫސިޓީ ލިންކްރޯޑުގައި ހިނގި އެކި ހިތާމަވެރި ޙާދިސާތަކުގައި މިދިޔަ ހަތް އަހަރުގެ ތެރޭގައި 19 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

މި ފަދަ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ގެއްލެނީ ހަމައެކަނި ފުރާނަތަކެއް ނޫނެވެ. ބައެއް މީހުން އުމުރަށް ނުކުޅެދޭ މީހުންނަށްވެ މުޖްތަމައުގައި ބާކީ ވިކަން އިހްސާސްކުރާ އެތައް ބަޔަކުވެސް އެބަ ތިއްބެވެ.

މިފަދަ ކޮންމެ ހާދިސާއެއް އަޅުގަނޑުމެންނާ ބައްދަލުކުރަނީ ކޮންމެވެސް ބައެއްގެ އިހުމާލުންނެވެ. ކޮންމެވެސް ބައެއްގެ ފަރުވާކުޑަކަމުން ނުވަތަ އަހަރެން މާ މޮޅުވެފައި ފަރިތަ ވުމުންނެވެ. ހިތައް ނޭރި ކަމަކީ ތިމާ ކިތަންމެ ފަރިތަވެފައި މޮޅުވިޔަސް އެންމެން އެހެން ނުވެދާނެކަމެވެ. މިއީ ޤަބޫލުކުރަން ދަތި ވިޔަސް ޙަޤީޤަތެވެ.

އެކްސިޑެންޓަކަށްފަހު އެކްސިޑެންޓެއް

ޓްރެފިކް މައްސަލަތަކާއި ގުޅިގެން ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ލައިސެންސްނެތި ދުއްވައިގެން މިއަހަރުގެ ޖެނުވަރީމަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް 13288( ތޭރަހާސް ދުއިސައްތަ އަށްޑިހަ އަށް ) މީހަކު ވަނީ ހުއްޓުވާފައިވެއެވެ. ލައިސަންސް ހިފަހައްޓާފައިވަނިކޮށް ނުވަތަ ވަގުތީ ލައިސަންސްވެސް ނެތި ވެހިކަލް ދުއްވި 5785 މީހަކު ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވި 7693 މީހަކުވަނީ ހިފަހައްޓާފައެވެ.

ވެރިރަށް މާލޭގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އުމުރުން 18 އަހަރު ނުވަތަ ލައިންސަންސް ނެތް އުމުރު ފުރާގެ ނަމްބަރުތައް ހުރީ އެތައް ގުނައެއް މަތީގައެވެ. މީގެއިން ކޮންމެ ކުއްޖަކު ދުއްވި ކޮންމެ އުޅަނދެއްވެސް ދުއްވޭނީ ޤައިމު ކޮންމެވެސް މީހަކު ދިނުމުންނެވެ. މިކުދިން ދުއްވާލަން ސައިކަލް ދިން އެއްވެސް މީހަކު މިކުރެވޭ ކަމުން ނުކުންނާނެ ނަތީޖާއަށް ވިސްނާލި ބާއެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ ސަބަބުން ހިނގާ އެކްސިޑެންޓްތައް އިތުރުވި ނަމަވެސް އެކުދިންނަށް އެޅޭނެ ފިޔަވަޅެއް ނެތެވެ. ޒިންމާ ނަގަންތިބި ބެލެނިވެރިންނާއި މެދު ޤާނޫނީ އިމުގެތެރެއިން ކުރެވޭނެކަމެއްވެސް ނެތެވެ.

އެއްގަމު ދަތުރުފަތުރުކުގެ ޤާނޫނަށް އަލަށް ގެނައި އިސްލާޙާއެކު މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ޤާނޫނަށް ގެނައީ ކޮން އިސްލާޙެއް؟

ޤާނޫނަށް ގެނައި އިސްލާހުން ދުވެލީގެ މިންގަނޑާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާއި ލައިސަންސް ނުނަގާ އެއްގަމު އުޅަނދެއް ދުއްވައިފިނަމަ ޖޫރިމަނާ ކުރާނެއެވެ. މިބަދަލުތަކަށް މިމަހުގެ 1 ވަނަދުވަހުން ފެށިގެން އަމަލުކުރަން މިވަނީ ފަށާފައެވެ.

ލައިސަންސްނެތި ދުއްވައިފިނަމަ ފުރަތަމަ ފަހަރަށް 1000 ރުފިޔާ، ދެވަނަ ފަހަރަށް 1500 ރުފިޔާ އަދި ދެވަނަ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 2000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ޖޫރިމަނާއަކުން ނިމުނީކީ ނޫނެވެ. ޖޫރިމަނާގެ އިތުރުން އެމީހަކު ދުއްވި އުޅަނދެއްވެސް 15 ދުވަހަށް ހިފަހައްޓައި 2000 ރުފިޔާއިން އުޅަނދުގެ ވެރިފަރާތްވެސް ޖޫރިމަނާކުރާގޮތަށް ވަނީ ކަނޑައަޅާފައެވެ.

ހަމައެއާއެކު މަގުމަތީގައި ދުއްވަންޖެހޭ ދުވެލީގެ ސްޕީޑާ ޚިލާފަށް ބާރަށް ދުއްވައިފިނަމަ ފުރަތަމަ ފަހަރަށް އެމީހަކު 500 ރުފިޔާ، ދެވަނަ ފަހަރަށް 750 ރުފިޔާއިން ޖޫރިމަނާކޮށް އުޅަނދު ދުއްވިފަރާތުގެ ލައިސަންސް 48 ގަޑިއިރަށް ހަފަހައްޓާނެއެވެ. އަދި މި ކުށް ތަކުރާރުކޮށްފިނަމަ ކޮންމެ ފަހަރަކަށް 1000 ރުފިޔާއިން ޖޫރިމަނާކޮށް އެމީހެއްގެ ވެހިކަލް 15 ދުވަހަށް ހިފަހައްޓާނެއެވެ.

ދެންވެސް ފިޔަވަޅެއް ނާޅާ ތިބެންވީ؟

ހަމަ ޔަޤީނުންވެސް އެންމެން އެއްބަސްވާނެ އެއްކަމެއް އެބަ އޮތެވެ. މީހެއްގެ ފުރާނައަށްވުރެ ޖޫރިމަނާގެ އަގު ބޮޑެއް ނުވާނެއެވެ. ތަނެއް ދޮރެއް ނުބަލާ މަގުމަތީގައި ހިތުހުރި ގޮތަކަށް ވެހިކަލް ދުއްވައި އެހެން މީހުންގެ ފުރާނަ ނުރައްކަލަށް ހުށައަޅާ މީހާއަށްވެސް ދޭންވީ އަދަބަކީ އުމުރަށް ޖަލަށްލުން ބާއެވެ. ނުވަތަ ވިސްނޭ ވަރަށް އަދަބުދީ އެކަމުން ދުރުކުރަން ޖޫރިނަމާ ކުރުމަކީ ގޯހެއް ބާއެވެ.

ނުރައްކާތެރި މިފަދަ ހާދިސާއެއްގެ ސަބަބުން ތިމާ ލޯބިވާ މީހެއްގެ ފުރާނަ ގެއްލުމުންވެސް ދައްކާނީ ސިޔާސީ ވާހަކަތޯއެވެ. ނޫނީ ޖޫރިމަނާގެ ބޮޑު ވާހަކަތޯއެވެ. ނުވަތަ ކުށްވެރިކުރާނީ ޖޫރިމަނާ ކުރާ ފަރާތްތޯއެވެ؟

ފުލުހުންނާއި ކަމާ ގުޅުންހުރި ފަރާތްތަކުން މި ބުނަނީ އެވާހަކައެވެ. ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތާނަމަ ހިތާމަވެރި ހާދިސާތައް މަދުވާނެ ވާހަކައެވެ. ބޮޑެތި އަދަދުން ޖޫރިނަމާކޮށް އަދަބު ދޭކަށްވެސް ނުޖެހޭނެއެވެ. އަމިއްލަ ދަރިފުޅު ނޫނީ އެކުވެރިޔާގެ ހިތްހަމަޖައްސާލަން ނުވަތަ އަމިއްލަ ބޭނުންމަށް މޮޅުކަން ދައްކާލަން ޤާނޫނުން ބޭރުން ކުރާކަމަކުން ނޭނގި ނަމަވެސް ތި ނުރައްކާލަށް ވައްޓާލެވެނީ ކޮންމެވެސް ލޯބި އައިލާއެއްގެ މެމްބަރަކެވެ. އެހެންކަމުން ޤާނުނަށް ގެނައި ބަދަލުގެ ވާހަކަ ބާރަށް ދައްކަންވީއެވެ. އެހެންނަމަވެސް އޭގެ އިން ހޯދަންވީ އެންމެ ފައިދާއެކެވެ. ބުނެދީ މީހުން ހޭލުންތެރިކޮށްދިނުމެވެ.