ވިޔަފާރި

މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން 1 ލައްކަ ފަތުރުވެރިން ގެނައުމުގެ މަސައްކަތް ފަށައިފި


2019 ވަނަ އަހަރު ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން އައުމާއި ގުޅިގެން މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރުކަމަށް ބެލެވުނެވެ. ނަމަވެސް އަހަރު ފެށިގެން މާގިނަދުވަހެއްނުވެ މިފަހުން މުޅި ދުނިޔެއަށް ކުރިމަތިވި ސިއްހީ އެންމެ ބޮޑު ކާރިސާއާއި ކުރިމަތިވެ ރާއްޖޭގެ ފަތުރުވެރިކަން އަދި މުޅި ދުނިޔޭގެ ފަތުރުވެރިކަންވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު މާރޗް މަހުގެ ތެރޭގައި ބަންދުކޮށް ހާލަތަށް ބަލައި ޖުލައިމަހުގެ 15 ވަނަ ދުވަހު އަލުން ވަނީ ބޯޑަރު ހުޅުވާލާފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ހޯދަމުންދާ ކާމިޔާބީއާއި ގުޅޭގޮތުން ކުރެއްވި ޓްވިޓެއްގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުޞޫމް ވިދާޅުވީ، މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް 1 ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ކަނޑައަޅާފައިވާކަމަށެވެ. އަދި ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 5 ލައްކައަށް އެރުވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަޢުޞޫމް ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރ މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރުމަހު ބައެއް މާކެޓްތަކުން ކުރިއެރުން ހޯދާފައިވާކަމަށެވެ. އެގޮތުން ކުރިއެރުން ހޯދާފައިވާ މާކެޓްތަކުގެ ތެރޭގައި އިޖިޕްޓް، ކަޒަކިސްތާން، ރަޝިއާ، ބްރެޒިލް އަދި ޔޫކްރެއިން ހިމެނެއެވެ.

ޖުލައި 15 ވަނަ ދުވަހުން މިމަހުގެ 2 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 79،627 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 462،474 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1 ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފައިވާއިރު މި އަމާޒަށް ވާސިލްވުމަށް ދެން ރާއްޖެ ގެންނަން ޖެހޭނީ 20 ހާސް ފަތުރުވެރިންނެވެ. މިއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 1600 ފަތުރުވެރިންގެ ނިސްބަތެވެ. މިހާރުވެސް ގިނަ ދުވަސްތަކުގައި 1000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.