ލ.ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢު އަންނަ މާރޗުމަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.
ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ 26 ޖޫން 2019 ގައެވެ. މި މަޝްރޫޢުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެސްފޯލްޓް މިދިޔަމަހު ސެޕްޓެމްބަރުމަހު ވަނީ އެރަށަށް ގެންގޮސްފައެވެ.
މި މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބާގުޅޭގޮތުން އެމް.ޓީ.ސީ.ސީން ވިދާޅުވީ، ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %69 ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ދަނީ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތްކަމަށާއި، ވެހިކަލް ދުއްވާ ސަރަޙައްދު ޤާއިމުކުރުމަށް ބޭނުންވާ މެޝިނަރީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށްވެސް އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ.
މި މަޝްރޫޢުގެ ދަށުން ފޮނަދޫގެ 12 މަގެއް ހިމެނޭހެން ޖުމްލަ 27،848 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްޕީޑް ބްރޭކަރުލުމާއި، 13،702 މީޓަރުގެ ސަރަޙައްދެއްގައި މަތުމަތީ ނިޝާން ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން މިމަސައްކަތް އެއްކޮށް ނިމޭއިރު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމާއެކު ފޮނަދޫ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށްވެސް އެމް.ޓީ.ސީ.ސީން ވަނީ ވިދާޅުވެފައެވެ. މިމަޝްރޫޢުގެ ދަށުން ފޮނަދޫގެ މަގުތަކުގައި އަޅާފައިހުރި ގާތައް ނެގުމަށްފަހު މަގު އެއްވަރު ކުރުމާއި ސަބް ގްރޭޑިންގެ މަސައްކަތް މިދިޔަ ޖުލައިމަހުގެ ތެރޭގައި އެކުންފުނިން ވަނީ ކޮށްފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާއަށް ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.