ދުނިޔޭގެ ވިޔަފާރި

ޔުނިލިވަރ ކުންފުނީގެ ނިއުޒިލެންޑުގެ މުވައްޒަފުން ދެން ވަޒީފާއަށް ނިކުންނާނީ ހަފްތާއަކު 4 ދުވަހު


ޔުނިލިވަރ ކުންފުނީގެ ނިއުޒިލެންޑުގެ މުވައްޒަފުން ދެން ވަޒީފާއަށް ނިކުންނާނީ ހަފްތާއަކު 4 ދުވަހު ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ޑޯވް ޝަވަރ ޖެލް އާއި ބެން އެންޑް ޖެރީ އައިސް ކްރީމްފަދަ ކަސްޓަމަރުންގެ މަޤްބޫލްކަން ހޯދާފައިވާ އެތައް ޕްރޮޑަކްޓެއް ބާޒާރަށް ނެރެފައިވާ ޔުނިލިވަރއިން ބުނީ ނިއުޒީލެންޑް ބްރާންޗުގެ މުވައްޒަފުން ހަފްތާއަކު 4 ދުވަހު މަސައްކަތަށް ނިކުންނަ ގޮތަށް ހަމަޖެއްސީ އަޖުމަ ބެލުމުގެ ގޮތުން ކަމަށެވެ.

މިހާރު ހަމަޖައްސާފައިވާ ގޮތުން ޔުނިލިވަރގެ ނިއުޒިލެންޑު ބްރާންޗުގެ 81 މުވައްޒަފުން ކުރިއަށް އޮތް އެއް އަހަރު ދުވަހު މަސައްކަތް ކުރާނީ މިގޮތަށެވެ. ނަމަވެސް ހަފްތާއަކު 5 ދުވަހު މަސައްކަތްކުރުމާއި އެއްވަރަށް މުސާރަ ލިބޭނެއެވެ.

މިއީ ކާމިޔާބުކަމެއް ނަމަ އެއް އަހަރު ފަހުން އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށްވެސް މި ބަދަލު ގެނައުމާއި މެދު ގޮތެއް ނިންމާނެ ކަމަށް ޔުނިލިވަރ އިން ހާމަކުރެއެވެ.

އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ޔުނިލިވަރގެ ފެކްޓްރީތަކާއި އޮފީސްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރެއެވެ. މިތަންތަނުގައި މުޅި ޖުމްލަ 155 ހާސް މުވައްޒަފުން މަސައްކަތްކުރެއެވެ.