ބ.އަތޮޅު ހޮސްޕިޓަލުން ނުހެދޭ ޓެސްޓްތައް މާލެ ފޮނުވައިގެން ހެދުމަށް އައިޖީއެމްއެޗް އާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ. ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސަރވިސް މުހައްމަދު ރަޝީދު ވިދާޅުވީ، މިކަމަށްޓަކާ ހޮސްޕިޓަލުން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށާއި، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެޚިދުމަތް ފޯރުކޮށްދޭ ފެށުމެވެ. މި މިޚިދުމަތް ފެށުމުން ދުވާލެއްގެ މައްޗަށް 80 ވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށް ދެވޭނެ ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. ބ.އަތޮޅު ހޮސްޕިޓަލުން ޓެސްޓްތަކުގެ ސާމްޕަލް ނެގުމަށްފަހު އައިޖީއެމްއެޗަށް ފޮނުވައިގެން ޓެސްޓް ހެދުމަށްނިންމީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ސިއްޙީ ޚިދުމަތް ހޯދުމަށް ކުރާ ހޭދަ ކުޑަކުރުމަށެވެ.
"ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަން ފާހަގަ ކުރެވޭ. މިކަމުގެ ސަބަބުން ރައްޔިތުން މިޚިދުމަތް ހޯދުމަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ. އަދި މިއީ ހޮސްޕިޓަލުގައި ލިބެން ނެތް ޚިދުމަތްތައް ހޯދުމަށް އަންނަ ފަރާތްތަކަށް ލިބޭ ވަރަށްބޮޑު ލުޔަކަށް ވެގެންދާނެ. އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މިޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުން" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ލޮކްޑައުން ކުރި ހިސާބުން ޑޮކްޓަރަށް ދެއްކުމަށް އަތޮޅުތަކުގައި ހުރި ބޮޑެތި ހޮސްޕިޓަލުތަކަށް ޚިދުމަތް ހޯދަންދާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާގަކުރެވެއެވެ.
އަދި މި ބަލިމަޑުކަމާ ގުޅިގެން އއ އދ ކ.ކާށިދު އާ ގާފަރުންވެސް ގިނަ އަދަދެއްގެ މީހުން ބ.އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ހޯދަމުންދާކަން ފާހަގަކުރެވެއެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އއ އުކުޅަހާ ކ.ކާށިދޫ އާ ގާފަރުގައި އެހޮސްޕިޓަލުން ހެލްތު ކޭމްޕްވެސް ވަނީ ހިންގާފައެވެ.