ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 47 މީހުން، ރަނގަޅުވީ 121 މީހުން


މިއަދު އިރުއޮއްސި 18:00އާ ހަމައަށް ފާއިތުވި 24 ގަޑިއިރުގެތެރޭގައި 47 މީހުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މި 47 ތެރޭގައި ހިމެނެނީ މާލެ ސަރަޙާއްދުން ޕޮޒިޓިވްވި 46 މީހުންނާއި ރިސޯޓަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 12،994 އަށް އަރާފައެވެ.

ރޭ އިރުއޮއްސި 18:00އިން މިރޭގެ އިރުއޮއްސި 18:00އާ ހަމައަށް ބަލިން ރަނގަޅުވެފައިވަނީ 121 މީހެކެވެ. މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ 11،902 އަށް ވަނީ އަރާފައެވެ. ކޯވިޑް-19ގެ ބަލިމީހުންގެގޮތުގައި މިވަގުތު ރާއްޖޭގައި ތިބީ 1،039 މީހުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަނަނީ 94 މީހަކަށެވެ. ރާއްޖޭގައި ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1829 ސާމްޕަލާއެކު މިހާތަނަށް 242،889 ސާމްޕަލެއް ވަނީ ނަގާފައެވެ.

މިއަދު ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 47 އަށް އަރާފައިމިވަނީ އިއްޔެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 14 އަށް ދަށްވުމަށްފަހުއެވެ.