ޚަބަރު

ގެވެށި އަނިޔާ ހުއްޓުވުމުގެ ކެމްޕެއިންގައި ބޭނުންކުރާ ލޯގޯއާއި ޝިޢާރު ރަސްމީ ލިޔެކިއުންތަކުގައި ބޭނުންކުރަން އަންގައިފި


ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރުމަށްޓަކައި ހަމަޖެހިފައިވާ ލޯގޯއާއި ޝިޢާރު ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

އެގޮތުން އިނގިރޭސި ބަހުން މި ޝިޢާރު ބޭނުންކުރައްވާނީ، "Prevent domestic violence" މިގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ހިންގަވާ ޤައުމީ ކެމްޕޭނުގެ ލޯގޯއާއި ޝިޢާރު، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ކުރިއަށް އޮތް 1 އަހަރު ދުވަހުގެ މުއްދަތަށް، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި، ޖެއްސެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފިހުން ވިދާޅުވިއެވެ.

ގެވެށި އަނިޔާއިން ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ޤައުމީ ކެމްޕޭނުގައި ބޭނުންކުރުމަށްޓަކައި ލޯގޯއާއި ޝިޔާރު ސަރުކާރުގެ ރަސްމީ ލިޔެކިއުންތަކުގައި ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، "ގެވެށި ގުޅުން" މިނަމުގައި ސަރުކާރުން ކެމްޕެއިން ފަށާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އެކެމްޕެއިން އިފްތިތާހު ކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައަކީ މުޖުތަމަޢުގެ ތެރޭގައި ހުރި ގިނަ މައްސަލަތަކެއް މެދުވެރިވާން ދިމާވާ އެއް ސަބަބު ކަމަށާއި، މި މައްސަލައަކީ ޒަމާންތަކެއް ކުރިން ފެށިގެން މިހާތަނާއި ހަމައަށް އައިސްފައިވާ، ފަނާކުރަނިވި މައްސަލައެއްކަމަށެވެ. ގެވެށި އަނިޔާ އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ޙައްލު ކުރުމުގައި ޒަމާންތަކެއް ވަންދެން މުޅި ދައުލަތް ނުކުޅެދިފައި އޮތްކަން ފާހަގަކުރައްވައި، މިފަދަ މައްސަލަތައް ޙައްލު ނުކޮށް، ޤައުމެއްގެ ގޮތުގައި އަދި މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވެން ނެތް ކަމަށް ވިދާޅުވިއެވެ. ‎އަދި، ގެވެށި އަނިޔާ އާއި ޖިންސީ ފުރައްސާރައަށް ނޫނެކޭ ބުނުމުގެ ޙައްޤާއި، ފުރުޞަތާއި، ހިއްވަރު ކޮންމެ މީހަކަށްވެސް ލިއްބައިދޭން ޖެހޭ ކަމަށާއި، އަދި އެ ޙައްޤު ރައްކާތެރިކޮށްދޭ ދައުލަތެއް ބިނާ ކުރުމަކީ އެމަނިކުފާނުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަކީ މުޖުތަމަޢުގައި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ބޮޑު އެއް މައްސަލަ ކަމަށް ވާއިރު، ޖުމްލަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ޙައްލަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށް ވިދާޅުވެ، އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން އިސްނަގައިގެން ކުރަމުން ގެންދާ ބައެއް މަސައްކަތްތަކަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.