ޚަބަރު

ޑީއީޑީއާއި މީޑިއާއިން ކުރިއަށްގެދާ އޮަޕަރޭޝަން: 69،000އަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ އަތުލައިގެންފި

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި ފަސްދޮޅަސް ނުވަ ހާހަށްވުރެ ގިނަ ރުފިޔާއާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ ޢަދަދެއްގެ ތަކެތި އަތުލައިގެންފިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމައްޓަކައި ފުލުހުންވަނީ މީޑިއާތަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް މިމަހުގެ 12ވަނަ ދުވަހު ފަށާފައެވެ. މިއޮޕަރޭޝަނުގެ ތެރެއިން ރާއްޖޭގެ 4 މީޑިއާއެއްގެ ހާޒިރުގައި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މަސްތުވާތަކެތި ގިނަ ޢަދަދަކަށް ބޭނުންކުރާ ހާލިތަކެއް ވަނީ ރެއިޑްކޮށްފައެވެ. މި އޮޕަރޭޝަންގައި ބައިވެރިވެފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއާއި، ރާއްޖެ ޓީވީ އާއި، ސަން މީޑިއާއާއި މިހާރު ނޫހުންނެވެ.

ފުލުހުންވަނީ ރެއިޑްކޮށްފައިވާ ތަންތަނުގެ ތަފްސީލްވެސް ހާމަކޮށްފައެވެ. އެގޮތުން ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ރުފިޔާއާއި އެއް ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ވަނީ އަތުލައިގެންފައެވެ. އަދި މީގެ އިތުރުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތިވަނީ އަތުލައިގެންފައެެވެ. މީގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 501 ސެލޯފިން ކޮޅާއި، 1400 ރަބަރު ޕެކެޓާއި، 1 ބިއްލޫރި ގަނޑު، 2 ޝީޓު، 1 ޖޫސް ޕެޓީ ކޮތަޅު، 3 ޕެކެޓް ޗެރަސް އަދި 2 ކެނަބިސް ޕެކެޓް ވަނީ އަތުލައިގެންފައެވެ.

މި އޮޕަރޭޝަންގެ ދަށުން ރެއިޑްކޮށްފައިވާ ތަންތަނުގެ ތެރޭގައި، މއ.ހުދުއަކިރި، މ.ބްރައިޓް ފްލާވަރ، މއ.އަބާގެ، ގ.ފްރެޝް ލައިޓް، މ.ސަމްމާމުއާގެ، ގ.މެރިނައިޓް، މ.ނަޝީ ރޯސް، މއ.ޓްވައިލައިޓް، ގ.ސެންޓުގެއާގެ، ހ.ކަނޑުފިނިގެ، ހ.އަޒިއްލިއާ، މ.ދެރަހާ، މ.ފްރެޝް މީޑް، މ.ޒާކިރާ މަންޒިލް، މއ.އޭކޯން، ގ.މެމޮރީ ވިލާ، މ.ނަދީ އިރުމަތީ ބައި، މ.ނިއު އޮލިމްޕިއާ، މއ.ރެޑް ޕާލް، މއ.ވިނަރެސް، ގ.ބްރޫޕް، މ.ލަވް ނެސްޓް، މ.ހިޖާޒް އަދި އިސްލާމިކް ޔުނިވަރސިޓީއާ އިންވެގެން އޮމންނަ ގޯޅިގަނޑުވެސް ހިމެނެއެވެ.

މި އޮޕަރޭޝަންގައި ޖުމުލަ 768 މީހަކު ވަނީ ބަލާ ފާސްކޮށްފައެވެ. މީގެ ތެރޭގައި 720 ފިރިހެނުންނާއި، 37 އަންހެނުން އަދި 18 އަހަރުން ދަށުގެ 11 ކުޑަކުދިން ހިމެނެއެވެ. އަދި މި އޮޕަރޭޝަންގައި 51 އަހަރުން މަތީގެ 23 މީހުންނާއި 57 ބިދޭސީންވެސް ހިމެނެއެވެ.

މިމަހުގެ 12ވަނަ ދުވަހުންފެށިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށްގެންދާ އޮޕަރޭޝަނާ މީޑިއާތަކުން ގުޅިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި އޮޕަރޭޝަންގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމަށް މަޢުލޫމާތު ލިބިގެން މާލޭގެ 19 ގެއެއްވަނީ ރެއިޑްކޮށްފައެވެ. މިޑިއާތަކާއެކު ކުރިއަށްދިޔަ މި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ބައެއް ގޭގެޔަށް ވަދެފައިވާއިރު، ގިނަ ޢަދަދަކަށް މަސްތުވާތަކެތި ބޭނުންކުރަނިކޮށްވެސް ބައެއް ގެތައް ރެއިޑްކޮށްފައިވެއެވެ. މިމަހުގެ 12ވަނަ ދުވަހު މި އޮޕަރޭޝަން ފަށާފައިވާއިރު، ފުޅާދާއިރާއެއްގައި މަސްތުވާތަކެތީ ބޭނުކުރަމުންދިޔަ ބައެއް ތަންތަން އެތަންތަނުގެ ވެރިންވަނީ ތަޅު އަޅުވައި ބަންދުވެސް ކޮށްފައެވެ.

މި އޮޕަރޭޝަންގެ ދަށުން މީޑިއާތަކުން މަސްތުވާތަކެތީގެ ވަބާ ރާއްޖޭގައި މިހާރު އޮތް ޙާލަތާއި، ނިޒާމުގައި ހުރި މައްސަލަތަކާއި، ހައްލުކުރުމަށް އިތުރަށް އަވަސްކުރަންޖެހޭ ކަންކަމަށް ބާރު އަޅައި އެކި އުފެއްދުންތައް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕީއެސްއެމް ނިއުސްއިންވެސް މިކަމާ ގުޅޭ ޚަބަރާއި ރިޕޯޓާއި ޑޮކިއުމެންޓްރީއެއްވެސް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.