ޚަބަރު

ފުރަތަމަ ޖުމްހޫރިއްޔާ ފެށިގެން ހިންގާފައިވާ ލާއިންސާނީ އަމަލުތައް ބަލަނީ


ރާއްޖޭގައި އެކި ޒަމާންތަކުގައި ކޮށްފައިވާ އިންސާނިއްޔަތާއި ޚިލާފް އަމަލުތައް ބެލޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އިންތިޤާލީ އިންސާފުގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ. މިބިލު މަޖިލީހުން ފާސްކޮށްފައިވަނީ 54 މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކުރި މި ބިލަކީ 2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018އާ ހަމައަށް ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ހުށަހެޅި ބިލެކެވެ. ސަރުކާރުގެ ފަރާތުން މިބިލު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދެވެ.

މަޖިލީހުގެ ކޮމެޓީ މަރުހަލާގައި ބިލު ދިރާސާކުރުމަށް ފަހު، ކޮމިޓީން ނިންމާފައިވަނީ ރާއްޖޭގެ އެކި ޒަމާންތަކުގައި ލާއިންސާނީ ގިނަ އަމަލުތަކެއް ހިންގައި އެކަމުގެ ގެއްލުން ލިބިފައިވާ އެތައް ބަޔަކު ތިބިއިރު، މިފަދަ ބިލެއް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަތަށް އަންނައިރު އެފަދަ އަނިޔާ ލިބުނު އެންމެނަށް އިންސާފު ލިބެންޖެހޭ ކަމަށް ޤަބޫލު ކުރާކަމަށެވެ.

ކޮމެޓީން ވަނީ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެ ގޮތަށް ބިލު އިސްލާހުކޮށްފައެވެ.

މިގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސްވެރިޔަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެގޮތަށް ބިލަށް ވަނީ ބަދަލު ގެނެސްފައެވެ.

ނުހައްގު އަނިޔާ ލިބިފައިވާ ފަރާތްތަކަށް މިޤާނޫނުގެ ދަށުން އިންސާފު ލިބިދިނުމަށް މައްސަލަތައް ހުށަހަޅަން ޚާއްސަ އޮފީހެއް ޤާއިމްކުރަންޖެހޭކަމަށް މިބިލުގައި ބުނެފައިވެއެވެ. އިންތިޤާލީ އިންސާފުގެ "އޮމްބަޑްސްމަން އޮފީސް" އެކުލެވިގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 3 ބޭފުޅުންގެ މައްޗަށެވެ.

އަނިޔާލިބިފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤުކޮށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމުގެ ބާރުވެސް މި ޤާނޫނުން މިއޮފީހަށް ލިބޭނެއެވެ . ކުރިން ބަލައި ނިމިފައިވާ މައްސަލަތަކުގެ ތެރެއިން އިންސާފު ނުލިބިވާ މައްސަލައަކާއި ގުޅިގެން އައު ހެއްކެއް ފެނިއްޖެނަމަ އެމައްސަލައެއް އަލުން ބަލައި ތަޙުޤީގު ކުރުމުގެ ބާރުވެސް މިޤާނޫނުގެ ދަށުން "އޮމްބަޑްސްމަން" އޮފީހަށް ލިބިގެންދާނެއެވެ.

އޮމްބަޑްސްމަން އޮފީހުން ބަލައި ތަހުޤީގު ނިންމާ ދައުވާ ކުރުމަށް ފޮނުވާ މައްސަލަތަކުގައި 15 ދުވަހުގެ ތެރޭގައި ދައުވާކުރުމާމެދު ގޮތެއް ނިންމަންޖެހެއެވެ. އަދި ދައުވާކުރާ މައްސަލަތައް 45 ދުވަހުގެ ތެރޭގައި ކޯޓުން ނިންމާ ހުކުމް ކުރަންޖެހޭނެކަމަށް ބިލުގައިވެއެވެ.

ކޯޓުގެ ހުކުމަކާއި ގުޅިގެން އިސްތިއުނާފަށް ހުށަހެޅުމުގެ 10 ދުވަހުގެ މުއްދަތެއް ލިބޭއިރު، އިސްތިއުނާފްގެ މަރުހަލާ 30 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. އަދި މިފަދަ މައްސަލަތަކުގައި ރައްދުވާ ފަރާތަށް މިމައްސަލަތަކުގައި ކޯޓުތަކުން ނިންމާ ނިންމުން ޤާނޫނާއި ޚިލާފްނަމަ 10 ދުވަހުގެ ތެރޭގައި ސްޕްރީމް ކޯޓަށް ހުށަހެޅޭ ގޮތަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.